ފެނަކަ ކޯޕަރޭޝަން (ފެނަކަ) އުފެދުނީއްސުރެ އެކުންފުުނިން ހިންގަމުން އައި އޭދަފުށީ އިންޖީނުގެ އާއި ސްޓެލްކޯއިން ހަވާލުވެއްޖެ އެވެ.
މި ބަދަލާއެކު އޭދަފުށީ އިންޖީނުގެ ހިންގަމުން ދެން ގެންދާނީ ސްޓެލްކޯ އިން ކަމަށް އޭދަފުށީ އިންޖީނުގެއިން މައުލޫމާތު ދެއްވި އެވެ.
ސްޓެލްކޯގެ ދަށަށް އޭދަފުށީ އިންޖީނުގެ ބަދަލު ކޮށްފައިވާ އިރު، ބޭނުން ނުވާ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އަދާކުރަމުން އައި އެ އިންޖީނުގެއިން މަދު މުވައްޒަފުން ކޮޅެއް ވަނީ ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އިނާޔަތްތަކާއެކު ވަޒީފާއިން ވަކި ކުރައްވާފައިކަން ފާހަގަކުރެވެއެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން މިހާރު ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެންނެވެ. މަގުސަދަކީ، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެއެވެ.
މި ނިންމުމަކީ ދައުލަތުގެ ޚިދުމަތްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަވަމުންދާ ބޮޑެތި އިސްލާހީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެެއްކަމަށާއި މީގެ މައިގަނޑު މަގުސަދަކީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމާއި މަސައްކަތުގެ ހިންގުން ހަރުދަނާކޮށް އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށްވެސް ސަރުކާރުން ބުނެ އެވެ.
އޭދަފުށީ އިންޖީނުގެ ސްޓެލްކޯގެ ދަށަށް މިއަދު ބަދަލު ކޮށްފައިވާ އިރު، ބ އަތޮޅުގެ ރަށްރަށް ހިމެނޭހެން ޅ އަދި މ އަތޮޅުގެ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދެމުން ގެންދާނީ ސްޓެލްކޯއިންނެވެ.
ސްޓެލްކޯއިން މިހާރުވެސް ދަނީ ކ.، ވ.، އއ.، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.






