ފިރުއައުނަކީ ހަމަ އެހެން އިންސާނުން ފަދަ އާދައިގެ އިންސާނެކެވެ. ތަފާތަކީ އޭނައަކީ އެއް ދުވަސްވަރެއްގެ މިސުރުގެ ވެރިޔާކަމެވެ. ނަމަވެސް، އޭނަެގެ ޚާރިޖީ ވަޒީރަކީ ހިޔަޅު ބޮލެއްގެ ވެރި ވަރަށް ވެސް މަކަރުވެރި ހީލަތްތެރިއެކެވެ. ފިރުއައުނަށް ގޯހެއް ހެދޭ ކޮންމެ ފަހަރަކު ވެސް، ހާމާނު އޭނަ ސަލާމަތް ކޮށްދެއެވެ.
އެއްދުވަހަކު މުސްކުޅި އަންހެނަކު ފިރުއައުނުގެ ދަރުބާރަށް އައެވެ. އެ އަންހެން މީހާ ބޭނުންވީ އޭނާގެ މަރުވި ބަކަރި ދިރުއްވުމަށެވެ. ފިރުއަނަކީ ކަލެއް ކަމުގައި ދައުވާކޮށް މަރުވާ އެއްޗެހި ދިރުއްވާކަމުގެ ދައުވާ ކުރާ މީހަކަށް ވެސް ވާތީވެ، ފިރުއައުނު ކުރެން އަންހެން މީހާގެ މަރުވި ބަކަރި ދިރުއްވުމަށް ބޭނުން ވެގެން އައީއެވެ.
ދެން، އަންހެން މީހާއާ ހާމާނު ބައްދަލުކޮށްފައި، މަރުވެފައި އޮތް ބަކަރީގެ ބަދަލުގައި، އަންހެން މީހާއަށް ހާމާނު އެހެން ބަކަރިއެއް ދިނެވެ. އަދި އަންހެން މީހާ ގާތު ބުންޏެވެ. “މި ވަގުތު ފިރުއައުނަށް ތިކަން ކުރެވޭކަށް ނެތެވެ. ފިރިއައުނު މި ވަގުތު އުޅެނީ މީހެއްގެ ޖަމަލެއް މަރުވެގެން އެ ދިރުއްވުމުގެ މަސައްކަތުގައި އަވަދި ނެތިއެވެ.”
އެ ދުވަސް ނިމުމަކަށް އައުމުން، ފިރުއައުނު އައިސް، ހާމާނު ކުރެން އަހާލިއެވެ. މިއަދުގެ ކަންކަން ދިޔައީ ކިހިނެއް ހެއްޔެވެ؟ ދެން، ހާމާނު ބުންޏެވެ. މުސްކުޅި އަންހެނަކު އޭނާގެ ބަކަރި މަރުވެގެން ފިރުއައުނު ގާތަށް އެ ދިރުއްވަން އައެވެ.
ދެން، ފިރުއަނުން ކަންބޮޑުވެ، މޭގަނޑު ތެޅިގަތެވެ. އެ ވަގުތު ހިޔަޅުވެރި ހާމާނު ބުންޏެވެ. ފިރުއައުނެވެ. ކަންބޮޑު ނުވާށެވެ. އެކަން އަހަރެން ހަމަޖައްސާލައިފީމެވެ. ގަނޑުވަރުގެ ބަކަރި ކޮށިން ބަކަރިއެއް އޭނައަށް ދީ، ފިރުއައުނު މި ވަގުތު އުޅެނީ މީހެއްގެ މަރުވެފައި އޮތް ޖަމަލެއް ދިރުއްވުމުގެ މަސައްކަތުގައޭ ކިޔާފައި އޭނާ ފޮނުވާލީއެވެ.
އެ ވަގުތު، ހިތަށް ލުއިކަން ލިބިގެން ދިޔަކަމުގެ ފުން މާނޭވާއެއްލާފައި ފިރުއައުނު ބުންޏެވެ. “ހާމާނެވެ. ޖަމަލު ދިރުއްވުމަކީ ހާދަހާވާ އުނދަގޫ ކަމެކެވެ!”
ދެން، ހާމާނު ބުންޏެވެ. “ފިރުއައުނެވެ. ހާސް ނުވާށެވެ! ތިކަމުގެ ހަގީގަތް ވެސް ހާމާނަކަށް ފޮރުވިފައެއް ނުވެއެވެ!” އާދެ، ފިރުއައުނަކީ ކަލެއް ނޫން ކަމާއި އަދި، އޭނައަށް މަރުވެފައިވާ އެއްޗެހި ދިރުއްވުމުގެ އެއްވެސް ކުޅަދާނަކަމެއް ލިބިގެން ނުވާކަން ހާމާނަށް ރަނގަޅަށް އެނގެއެވެ. އާންުމުންނަށް އެކަމުގެ ހަގީގަތް އޮޅިފައި އޮތަސް ވެހެވެ.
ސިޔާސީ ދުނިޔޭގައި ވެރިންގެ ދަރުބާރުގައި އުޅޭ މީހުންނަށް ވެރިންގެ ނިކަމެތިކަން އެނގެއެވެ. އެކަން ފޮރުވިފައި އޮންނަނީ ނުވަތަ ގަބޫލު ނުކުރަނީ އާންމުންނެވެ. ކަނޑު ހިއްކާނަމެ، ނޫނީ ކަނޑުގައި ރަށް ރަށް އަޅާ ނަމޭ ބުނުމުން އެއީ ނުވާނޭ ކަމެއްކަން ރަސްގެފާނުގެ އަރިހުގައި އުޅޭ މީހުންނަށް އެނގެއެވެ. ނަމަވެސް، މި ފަދަ މީސްމީހުން، އެއީ ހަމަ ވެދާނޭ ކަމެއްކަމާއި ރަސްގެފަނު އެކަން ކުރާނޭ ކަމުގެ ޔަގީންކަށް އޮތްކަން އާންމުންގެ ހިތްތަކަށް ވައްދުވައެވެ. އާދެ، ރަސްރަސްކަމުގައި، ސިކުނޑިގެ އެއްވެސް އުރައްޕެއް ނެތް ވެރިން ތިބޭ އިރު، އެ މީހުންގެ ގާތުގައި ވަރަށް ވެސް ބޯ ބޮޑު ހިޔަޅު ފަދަ ސިކުނޑީގެ ވަޒީރުން ތިބެއެވެ. އެ ފަދަ ވެރިންގެ އުނިކަންކަން ފޮރުގައި، އަދި އެ މީހުންގެ ހިޔާވެހިކަން ހޯދައި، ހިޔަޅުފަދަ ވަޒީރުން، އެ މީހުން ހުރިހާ ބޭނުންތަކެއް ފުއްދައެވެ!







