ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ކެންޑިޑޭޓެއް ނުހުންނާނެ: ރައީސް

big_wE8cdYqTZPy9SyYIN4Inxn9iR.jpg

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، އެއް ޕާޓީއަކަށް ގިނަ ގޮނޑިތައް ލިބި އޭރަކު އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް މަޖިލިސް ފަންކްޝަން ކުރުމަށް އޮތް މަގު ބަންދުވެގެން ދާނެކަމަށް ރާއީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއި އެކު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ ރިފެރެންޑަމް ވޯޓު ނެގުން ވެސް ކުރިޔަށް ދާއިރު. ގާނޫނުއަސާސީއަށް މި އިސްލާހު ގެނައީ ޚަރަދު ކުޑަކުރުމަށް ނަމަވެސް، އައު ސަރުކާރެއް އިންތިޚާބުވެގެން އައުމަށް ފަހު މަޖިލިސް އިންތިޚާބަށް ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބޭނުން ކުރާ ނުފޫޒުގެ އަޑުވެސް ވަނީ ގަދަވެފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ގައުމުގެ ހަމަޖެހުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ މިދިޔަ ތިން ދައުރުން މިސާލު ނަންގަވައި ރައީސް ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ލިބެމުންދަނީ ވެރިކަން ކުރާ ޕާޓީގެ ބާރުގެ ތެރެއިން ކަމަށެވެ. އަދި އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެގެން އަންނަނީ، ”ސަރުކާރު ކެންޑިޑޭޓު“ ގެ ގޮތުގައި ނުވަތަ ވެރިކަން ކުރާ ޕާޓީއާއި އެކު ގޮސް ކުރާ ކެމްޕޭނުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބަދަލުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ދައުލަތުގެ ތިން ބާރުގެ މެދުގައި އޮންނަންޖެހޭ ”ޗެކް އެންޑް ބެލެންސް“ ނުވަތަ ފާރަވެރިވުމުގެ ނިޒާމު ވަރުގަދަވުން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި މަޖިލީހުގެ މައިގަނޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. މަޖިލީހުގައި މުޅިންވެސް ސަރުކާރުގެ މެންބަރުން ތިބުމުގެ ބަދަލުގައި، ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ޕާޓީތައް ހިމެނޭހެން އެކަށީގެންވާ އަދަދަކަށް މެންބަރުން ތިބުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އެތައް ގުނައަކުން ބޮޑުވެގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top