ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޒު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން މިދިޔަ ބުދަ ދުވަހުން ފެށިގެން ރިޓަޔާ ކުރައްވައިފި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފި އެވެ.
ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ރިޓަޔާކުރެއްވީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ ފަނޑިޔާރުކަމުގެ މަގާމުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ކަމަށްވާ 70 އަހަރު ފުރުމާ ގުޅިގެންނެވެ. އޭނާ ވަނީ ޝަރުއީ ދާއިރާގައި ފަނޑިޔާރުކަމުގެ މަގާމުގައި 7 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ.
އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމާ ހަވާލުވުމުގެ ކުރިން ހަމީދު ވަނީ ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓާއި ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގައިވެސް ފަނޑިޔާރުކަން ކުރައްވާފައެވެ. އޭނާ އޭދަފުށީ ކޯޓަށް ބަދަލުވެވަޑައިގަތީ 2023 ވަނަ އަހަރު އަމިއްލައަށް އެދިވަޑައިގެންނެވެ.
ޝަރުއީ ދާއިރާގެ އިތުރުން ހަމީދު ވަނީ ދައުލަތުގެ ތަފާތު މުއައްސަސާ ތަކުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އެގޮތުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވެސް އޭނާވަނީ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފަ އެވެ.
ޖޭއެސްސީން ވަނީ ޝަރުއީ ދާއިރާއަށް ޢަބްދުﷲ ޙަމީދު ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި އޭނާއަށް ޝުކުރު އަދާކޮށްފައެވެ.







