އަންހެން މުވައްޒަފުންނަށް ދިވެހި ލިބާސް ލެވޭ ގޮތަށް ސިވިލްސާވިސް ގަވާއިދު އިސްލާހުކޮށްފި

416411_3_b4958d1c5c7987fdf3d640b43dabb330ae734936_large-1.jpg

ސިވިލް ސާވިސް އަންހެން މުވައްޒަފުންނަށް ރަސްމީ ގަޑީގައި ދިވެހި ލިބާސް ލެވޭ ގޮތަށް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާއީ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކާ ގުޅިގެން ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް ދަންނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ.

އާ ގަވާއިދުގައި ވާ ގޮތުން ސިވިލް ސާވިސް ރަސްމީ މަސައްކަތުގައި އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން، ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވިދާނެއެވެ. މި ހެދުންތައް ހުންނަންވާނީ ފައިގެ ތަނބިކަށްޓަށްވުރެ ކުރުނުވާ ގޮތަށެވެ. އަދި ފަޓުލޫނު ނުވަތަ ހަރުވާޅު ބޭނުންކުރާނަމަ އެއީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗަކަށް ވާންޖެހެއެވެ.

ހެދުމުގެ ކަރުވަޅު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފުނުވާ ގޮތަށް ނިވައިވާ ގޮތަށެވެ. އަތްކުރު ހެދުމެއްނަމަ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށްވުރެ ކުރުވެގެން ނުވާނެއެވެ. އަދި ހެދުމުގެ މަތީބައި ފަޅާފައި ހުންނަނަމަ، މައްޗަށް އަތް ދަމާލުމުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ހުންނަންވާނެ ކަމަށް ގަވާއިދުގައިވެއެވެ. މީގެ އިތުރުން، އޮފީހަށް ހާޒިރުވާންވާނީ ސާފުތާހިރުކޮށް ކަމަށާއި، ގަހަނާ އެޅުމާއި މޭކަޕްކުރުން ހުއްދަ ނަމަވެސް، އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލަޖެއްސުމާއި ހައިލައިޓްކުރުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖައްސުމާއި ޝޭޑްކޮށް ހައިލައިޓް ކުރުން ވެސް މުވައްޒަފުންނަށް ގަވާއިދުގައި މަނާކޮށްފައި ވެއެވެ.

ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުންކުރެވިދާނެއެވެ. އަތްދިގު ގަމީހެއްނަމަ އަތުގެ ކުޑަހުޅާ ހަމައަށް ހުންނަންޖެހޭއިރު، އަތްކުރު ގަމީހެއްނަމަ އުޅަނބޮށްޓަށްވުރެ ދެ އިންޗި ކުރުވެގެން ނުވާނެއެވެ.

ފިރިހެން މުވައްޒަފުން ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަންވާނީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ދިގު ފަޓުލޫނެވެ. އަދި ހުރިހާ މުވައްޒަފުންވެސް ރަސްމީ މަސައްކަތުގައި އުޅޭއިރު ތިބެންވާނީ އޮފީސް ބޫޓުގައި ނުވަތަ އެކަށީގެންވާ ފައިވާނެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top