ރާއްޖޭގެ އަތޮޅުތައް އުވާލުމާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންނާއެކު” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ސާފުކޮށްދެއްވީ، އަތޮޅުތަކަކީ ޖިއޮގްރަފީ ގޮތުން ރާއްޖެ އެކުލެވިގެންވާ ގޮތް ކަމަށާއި، އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
ނަމަވެސް، އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުން ސަރުކާރުގައި އޮތްކަމަށާއި އަތޮޅު ކައުންސިލްތަކަކީ ރައްޔިތުންނަށް މާނަހުރި ޚިދުމަތެއް ފޯރުކޮށްދޭ އިދާރާތަކެއް ނޫންކަމަށް ފެނިވަޑައިގަންނވާތީ ލާމަރުކަޒީ ނިޒާމަށް ފުރިހަމަކަން ގެނެސްދިނުމަށްޓަކައި މި އިދާރާތައް އުވާލުން މުހިންމުކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“އަތޮޅު އުވައެއް ނުލެވޭނެ. އެއީ ޖިއޮގްރަފީ ގޮތުން އުފެދިފައި އޮތް ގޮތް. އެކަމަކު އަތޮޅު ކައުންސިލޭ މި ކިޔާ އިދާރާއަކީ ރައްޔިތުންނަށް މާނަހުރި އިދާރާއެއް ނޫން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން އަތޮޅު ފެންވަރުގައި ދެވެމުންދާ ޚިދުމަތްތަކަށް އުނިކަމެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަގީންކަން ދެއްވިއެވެ. އަތޮޅު ހޮސްޕިޓަލްތަކާއި އަތޮޅު ސްކޫލްތައް ކުރިއަށްވެސް ދެމިއޮންނާނެކަމަށާއި، ހަމައެކަނި އިދާރީ ބަދަލުތަކެއް ގެނެވޭނެކަމަށް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، ރަށު ކައުންސިލްތަކުން ސީދާ މަރުކަޒީ ސަރުކާރާ މުއާމަލާތްކުރެވޭނެ އާ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތަށް ބަދަލުކުރުމުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ އަމަލީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، އެ ނިޒާމު ފުރިހަމައަށް ދެނެވަޑައިގަންނަވާ ބޭފުޅެއްގެ ހައިސިއްޔަތުން، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަށް ބޭނުންވާ ރިފޯމްތައް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަގީންކަން ދެއްވިއެވެ. މި ބަދަލުތަކުގެ މަގްސަދަކީ ރައްޔިތުންނަށް އިތުރަށް ފައިދާހުރި، ހަލުވި ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.







