ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު، ހއ. އުތީމުގެ ރައްޔިތުންނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، އުތީމު ރައްޔިތުންނަށް އެ ޝަރަފު އަރުވަން ރައީސް ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އެ ރަށުގެ ރައްޔިތުން އަދާކުރި ދައުރާއި، އެކަމަށް ދިން އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުން ކަމަށާއި، އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ ކަމަށެވެ.
މި ޝަރަފު އަރުވާނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 10:00 ޖަހާއިރު އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު ދޭއިރު، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ލިބޭނެ ކަމަށް، ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވެއެވެ.
ގައުމީ ދުވަސް ފާހަގަކުރަނީ، ޕޯޗުގީޒުންގެ ބާރުގެ ދަށުގައި 15 ވަރަކަށް އަހަރު ދިވެހީން އުޅުމަށްފަހު، ރާއްޖެއަށް މިނިވަންކަން ލިބުމާއި، އެ މިނިވަންކަން ހޯދައިދެއްވުމުގައި އިސްކޮށް ހުންނެވި އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު)ގެ ހަނދާނުގައެވެ.
އުތީމު ގަނޑުވަރަކީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެކޮޅެވެ.







