ތައުލީމީ ގޮތުން މަތީ ސަނަދުތައް ހޯދާފައިތިބި ޒުވާނުން އެއްފަރާތްކޮށް، ގާބިލުކަމެއް ނެތް ބަޔަކަށް ވަޒީފާދޭނަމަ މި ގައުމު ބިނާ ނުކުރެވޭނެ ކަމަށް އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތައުލީމީ ގޮތުން ގާބިލު އެތައް ބަޔަކު ވަޒީފާ ނުލިބިފައި ތިބޭއިރު، ސިޔާސީ ނުފޫޒުން ގިނަ ވަޒީފާތައް ދެމުން ގެންދަނީ އެ މަސައްކަތްތަކަށް އެކަށީގެންނުވާ މީހުންނަށް ކަމަށް ބުނެ ފާޑުކިޔާ މީހުން ވަރަށް ގިނައެވެ. އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާތައް ދިނުމަކީ ރާއްޖޭގައި ސިޔާސީ ޕާޓީ ނިޒާމަށް ވެރިކަން ބަދަލުވިފަހުން އާންމު ކަމެކެވެ.
މިއީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ބޮޑެތި އާއިލާތަކަށް ނުވަތަ ނުފޫޒުގަދަ މީހުންނަށް ވަޒީފާ ދިނުމަކީ ހިނގަމުން އަންނަ ނުރައްކާތެރި އާދައެކެވެ. ތައުލީމީ ފެންވަރަށް ނުވަތަ ތަޖރިބާއަށްވެސް ބެލުމެއްނެތި މިސަރުކާރުން ވެސް ކުރަމުން އަންނަ މުޑުދާރު އަމަލެކެވެ. މި މައްސަލައަށް އަލިއަޅުވާލައްވަމުން މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ ރާއްޖޭގައި ގިނަ ތައުލީމީ ޒުވާނުން އެއްފަރާތް ކުރެވިފައިވާއިރު، ފުރުސަތުތައް ލިބިގެންދަނީ ގާބިލުކަން ނެތް މަދު ބަޔަކަށް ކަމަށެވެ.
“މިގޮތަށް ގައުމެއް ބިނައެއް ނުކުރެވޭނެ،” ފިރާގު ވިދާޅުވިއެވެ.
ކޮންމެ އަހަރަކު އެތައް ހާސް ގްރެޖުއޭޓުން ވަޒީފާގެ ބާޒާރަށް ނުކުންނައިރު، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި 20،000 އަށްވުރެ ގިނަ ޒުވާނުން ވަޒީފާގެ ފުރުސަތުތައް ހޯދަން އުޅޭނެ ކަމަށް ފިރާގު ވިދާޅުވިއެވެ.
އެމީހުންގެ މުސްތަގުބަލު ދަތި އުނދަގޫ ކަމުގެ ތެރެއަށް ހުށަހެޅިފައިވާއިރު އެދުވަހުން އެޒުވާނުންގެ އަނގަމަތީ ޓޭޕު އަޅައި އަޑު މަޑުކުރެވޭނެހޭ ވިދާޅުވެ ފިރާގު ސުވާލު އުފައްދަވާފައި ވެއެވެ.





