ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ދޭން ފެށި ފަހުން، ފުރަތަމަ ތިން ހަފްތާގެ ތެރޭގައި 1500 އަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދައިފި އެވެ.
ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ މިމަހުގެ 11 ވަނަ ދުވަހު، މާޅޮސްމަޑުލުގެ ދެކުނުބުރީގެ ރަށްރަަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
އާރްޓީއެލް ފެރީ ޚިދުމަތް ފެށިފަހުން ފުރަތަމަ ހަފްތާގައި، ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 3 ވަނަ ދުވަހާ ހަމައަށް، ޖުމްލަ 451 ފަސިންޖަރުން ދަތުރުކުރި އެވެ.
މި ދަތުރުތަކަކީ ރައްޔިތުން އާރްޓީއެލް އަށް އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ކުރި ދަތުރުތަކެކެވެ.
ބ. އަތޮޅުގައި މި ޚިދުމަތް ފަށާފައިވަނީ ދެ ރޫޓަކަށް ބަހާލައިގެންނެވެ. މި ޚިދުމަތަށް ބޭނުންކުރަނީ ހައި ސްޕީޑް ދެ ފެރީއެވެ. މި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ، އަތޮޅުގެ ރައްޔިތުންނަށް އެއަރޕޯޓް ޚިދުމަތާއި، އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރިރަށަށް ދަތުރުކުރުމަށް ފަހިވާނެގޮތަށެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ދަތިކަން ހުރި ރަށްތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
އާރްޓީއެލްގެ ރޫޓުތަކާއި، ދަތުރުތަކަށް ނަގާ އަގުތައް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ވޭތުވެދިޔަ ތިން ހަފްތާގެ ތެރޭގައި ބ. އަތޮޅުގެ އެކި ރަށްރަށުން ޖުމްލަ 1522 ފަސިންޖަރުން ވަނީ އާރްޓީއެލް ފެރީ ގައި ދަތުރުކޮށްފައެވެ.






