ބ. ކަމަދުއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ދޭން ފަށައި، ސީޕްލޭންގެ ޚިދުމަތް ދިނުމަށްޓަކައި އެެެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ފުރަތަމަ ރަށް، ކަމަދު އަށް ވަޑައިގެންނެވެ.
ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވައި ރައީސް ވަނީ އޭޓީއެމުން ފައިސާ ވެސް ނަންގަވައިފަ އެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކަމަދޫ އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް އޭޓީއެމް މެދުވެރިކޮށް ލިބޭނެ އެވެ.
އޭޓީއެމް ޚިދުމަތް ފެށުމާ ގުޅިގެން ބީއެމްއެލް އިން ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކޮށްފައިވެ އެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން އެއާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް ޙަސަން ޒަރީރެވެ.
މި ދަތުރުފުޅުގެ ތެރެއިން ކަމަދުއަށް ސީ ޕްލޭންގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި، އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ސޮއިކުރީ ހޯކްސް ހޮޓެލްސްއާއެކު އެވެ. އައިއޭއެސް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސްގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރު ހުސައިން އަމަން އެވެ.
މި އެއްބަސްވުން ހަދާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލަކަށް ކަމަދު އަށް ކުރެއްވި ޒިޔާރަތުގަ އެވެ.
މި އެއްބަސްވުމުގެ ދަށުން ކަމަދު އަށް ސީޕްލޭންގެ ޚިދުމަތް ދޭނެ ގޮތަކާ ބެހޭ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.






