ދިވެހިން އާއްމުކޮށް އޮންލައިންކޮށް ވިޔަފާރިކުރަމުން އަންނަ ބައެއް ސައިޓްތަކުން މާދަމާއިން ފެށިގެން 30 އިންސައްތައާއި ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
އެގޮތުން ޓީމޫ، ޝެއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު މީގެކުރިން ފީއެއް ނުނެގިނަމަވެސް މާދަމާއިން ފެށިގެން 30 އިންސައްތައާއި ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.
އެހެންނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ކުރާ ވިޔަފާރިތަކަށް އެއްވެސް ފީއެއް ނުނަނަގާނެކަމަށް ބީއެމްއެލްއިން ބުނެެއެވެ.
މީގެއިތުރުން ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައްވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލުން ބުނެއެވެ. އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އަދި އޭޓީއެމްއިން ފައިސާ ނެގުމުން 10 ޔޫއެސްޑޮލަރު ފީއެއްގެ ގޮތުގައި ނެގޭނެކަމަށް ބީއެމްއެލުން ބުނެއެވެ. މީގެކުރިން ރާއްޖެއިން ބޭރުގެ އޭޓީއެމަކުން ޑޮލަރު ނެގުމުން ފީއެއްގެ ގޮތުގައި ނަގަމުން އައި 100 ރުފިޔާއެވެ.
ބީއެމްއެލުން ބުނިގޮތުގައި އެ ފިޔަވަޅު އެޅީ އެހެން މީހުންގެ ކާޑުތައް ރާއްޖޭން ބޭރަށް ގެންގޮސް އޭޓީއެމްތަކުން ފައިސާ ނަގާ އެ ފައިސާ ޑޮލަރަށް ބަދަލުކޮށް, ރާއްޖެ ގެނެސް ކަޅު ބާޒާރުގައި ވިއްކުމަކީ ކޮށް އުޅޭ ކަމަކަށްވާތީއެވެ.





