ބ. އަތޮޅު ކައުންސިލާއި ފްރީޑައިވް މޯލްޑިވްސްއާ ގުޅިގެން ސްނޯކްލިން ގިނީސް ވޯލްޑް ރެކޯޑެއް ހެދުމަށް ބާއްވާ ”ބާނި“ ހަރަކާތުގައި އޭދަފުށިން ބައިވެރިވާން ނިންމައިފިއެވެ.
އަންނަ އޮކްޓޯބަރު 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ރަޖިސްޓަރީ ވުމަށް އަންނަ މަހު ހުޅުވާލާނެ އެވެ.
މި ހަރަކާތް އޮންނާނީ ބ.އަތޮޅު އަނގަފަރު ސަރަހައްދުގަ އެވެ.
މި ހަރަކާތުގައި ބ. އަތޮޅުގެ ރައްޔިތުންނާއި އަތޮޅުގެ ރިސޯޓުތަކުގެ އިތުރުން މުޅި ރާއްޖެއަށް ވެސް ވަނީ ހުޅުވާލާފައެވެ. އަދި އެސަރަހައްދަށް އެއް ފަހަރާ ހާހަކަށް ވުރެ ގިނަ މީހުން ޖަމާވެ، ފީނައިގެން ގިނީސް ވޯލްޑް ރެކޯޑުން ޖާގަ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރިކޮށް، އެ އަތޮޅަކީ ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް އިޝްތިހާރުކުރުން ކަމަށް ބ. އަތޮޅު ކައުންސިލުން ބުނެއެވެ.
ފްރީ ޑައިވް މޯލްޑިވްސްއިން މީގެ ކުރިންވެސް “ނޭވާ”ގެ ނަމުގައި ފްރީ ޑައިވް ގިނިސް ވޯލްޑް ރެކޯޑުގެ ދެ އިވެންޓެއް ކާމިޔާބުކަމާ އެކު ވަނީ ބާއްވާފައެވެ.






