މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ނިންމަވައިފި އެވެ.
ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ އެއްވަނަ ދުވަހެވެ.
މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމީ އިއްޔެ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު ބޭއްވި ބައްދަލުވުމެއްގަ އެވެ. އަދި މިކަމަށް ޕްރިންސިޕަލުންގެ މަޝްވަރާވެސް ހޯއްދަވާފައިއެވެ.
މިނިސްޓްރީން ބުނީ މާލޭ ސަރަޙައްދުގައި ހުރިހާ ސްކޫލުތަކުގެ ބައިވެރިވުމާ އެކު ސްކޫލުތަކުން ގުޅިގެން ކުލަގަދަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން އަތޮޅުތެރޭގެ ހުރިހާ ރަށެއްގެ ޕްރިންސިޕަލުންނާ އެކު ބޭއްވި އޮންލައިން ބައްދަލުވުމުގައި، އެ ރަށްރަށުގައި ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުންވެސް ވަޒީރު ވަނީ ޚިޔާލު ހޯއްދަވާފައިވާ ކަމަށެވެ.
މި ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ޚާއްޞަ އެސެމްބްލީތަކާއި އިތުރު ހަރަކާތްތައް ބޭއްވިކަމުގައި ވިޔަސް، ކިޔަވައިދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އިންތިޒާމުކުރުމަށް މިނިސްޓްރީން ވަނީ އަންގަވާފައެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް އެކުދިންގެ ހައްގުތަކާއި، އެކުދިންނާމެދު މުޖުތަމަޢު ދެކޭ ހުވަފެންތައް ކިޔައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
މި ހަރަކާތްތައް ރާވާއިރު ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން، ޚަރަދުކުޑަކޮށް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައިވެއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރިއަށްގެންދިއުމަށްފަހު، އިތުރު މައުލޫމާތު އާންމުންނާ ހިއްސާކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.