ރައީސްގެ ޕޯލް: ގިނަ ބަޔަކު ތާއީދުކުރީ 2000ވަނަ އަހަރަށް

large_174306365816fGtr.jpg

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތައާރަފުކުރައްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ދުންފަތް މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސޯޝަލް މީޑިއާގައި ހުޅުވާލި ޕޯލުގައި، ގިނަ ބަޔަކު ތާއީދު ކުރީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ކަމަށް ދައްކައިފި އެވެ.

މިމަހުގެ 3 ވަނަ ދުވަހު ހުޅުވާލި މި ޕޯލުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާއަކީ ކޮބައިތޯ ބެލުމަށް ތިން އޮޕްޝަނެއް ހުށަހަޅުއްވާފައިވެއެވެ. އެއީ 2000 ވަނަ އަހަރުން ފެށިގެން ނުވަތަ 2004 ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށެވެ.

ރައީސް މުއިއްޒު އެކްސްގައި ހުޅުވާލި ޕޯލަށް 5500 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާއިރު، 51.1 ޕަސަންޓު މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ. ފޭސްބުކްގައި ހުޅުވާލާފައިވާ ޕޯލަށް 5000 އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު 73 ޕަސަންޓު މީހުން ވަނީ 2000 ވަނަ އަހަރު ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. މި ޕޯލުގެ ވަގުތު މިއަދު މެންދުރު ފަހު 15:15 އަށް ވަނީ ހަމަވެފައެވެ.

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް “ޖެނެރޭޝަނަލް ބޭން” ތައާރަފު ކުރުމަށް ސަރުކާރުން ވަނީ މަޝްވަރާތައް ފައްޓަވާފައެވެ. ހެލްތް މިނިސްޓްރީން ވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއާއި ޔުނިސެފްގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރާނަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރެވިގެން ދާނެކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށާއި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top