އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ އެކު” މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަން ފަށާފައިވާ ޕޮޑްކާސްޓްގެ ދެވަނަ ޕްރޮގްރާމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އައުޓްޑޯ ޖިމާއި ކުޑަކުދިންގެ ޕާކް ތަރައްގީ ކުރެވުމުން ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތު ރަނގަޅުވެ އާއިލީ ގުޅުންތައް ހަރުދަނާވެގެން ދާނޭ ކަމަށެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރާނެ މަޝްރޫއުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގައި ބިންހިއްކުމާއި އެފަދަ ތަރައްގީގެ މަޝްރޫއުތައް މިހާތަނަށް ހިންގާފައިވާއިރު ރަށުގައި ގުދުރަތީ ގޮތުން އުފެދިފައިވާ މޫދާއި ގޮނޑުދޮށަށް ބަދަލުއައިސް ރަށުގެ ރައްޔިތުންނަށް އެކަންކަން ގެއްލިފައިވާކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން ސަރުކާރުން މިހާރު ހިންގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދަވަނީ މޫދަށް އެރުމަށް ހާއްސަކުރެވޭ ސަރަހައްދުތަކެއް ހިމަނައިގެން ކަމުގައި ރައީސް ވިދާޅުވި އެވެ.