މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ފަލަކީ އަދި ދީނީ ޢިލްމުވެރިޔާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިއަދު ޝާޢިއުކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވެފައިވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާ އާއި، މިޞުރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށެވެ.
މާރިޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެވެސް 29 ވަނަ ދުވަހެވެ.
އެދުވަހު ދިވެހިރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައެވެ. ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައެވެ.
”އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ،“ މައުމޫން ވިދާޅުވި އެވެ.
އެއީ، ހަނދު ސާބިތު ކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ ހަމަތަކުގެ އަލީގައެވެ.
ރައީސް މައުމޫނަކީ ފަލަކީ ޢިލްމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އެ ދާއިރާގެ ބޮޑު ޢިލްމުވެރިއެއް ވެސް މެ އެވެ. ފަލަކީ ޢިލްމާ ގުޅޭ މުހިންމު ކަންކަން އެމަނިކުފާނު ވަރަށް ގިނައިން ހިއްސާ ކުރައްވަ އެވެ.