ބ. ކަމަދޫގައި ހިންގާ ގެސްޓުހައުސްތަކަށް އެ ރަށުގެ ޕޮލިސް ޕޯސްޓުން ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އިއްޔެ ހިންގައިފި އެވެ.
އެ ޕްރޮގްރާމުގައި، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އާންމު އުސޫލުތަކާއި ޓޫރިސްޓުން އެ ސަރަައްދުތަކުގައި އުޅޭއިރު ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި ޓޫރިސްޓުން ރަށުތެރޭގައި ކާބޯތަކެއްޗާއި ސިނގިރެޓް ފަދަ ތަކެތި ބޭނުން ނުކުރުމަށާއި ނިވާކަން ކުޑަ ހެދުން އަޅައިގެން ރަށުތެރޭގައި ނޫޅުމަށް އަންގައި ދިނުމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކުގައި ވަނީ އެދިފައެވެ.
ކަމަދޫ ޕޮލިހުން ބުނީ ޕްރޮގްރާމަށް ގެސްޓުހައުސްތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.
މި ރޯދައާ ދިމާކޮށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ވެސް ވަނީ އާންމުން ދިރިއުޅޭ ރަށްރަށުގައި ރޯދަ މަހު ގެސްޓުންނަށް ހިދުމަތްދޭ އިރު، ހާއްސަ ސަމާލުކަމެއް ބެހެއްޓުމަށް އިލްތިމާސްކުރައްވައިފަ އެވެ. އެގޮތުން ދުވާލުގެ ވަގުތުތަކުގައި އާންމު ތަންތަނުގައި ޓޫރިސްޓުންނަށް ކާންބޯން ދިނުމުގެ ހިދުމަތް ނުދޭން އެދިވަޑައިގެންނެވިއެވެ.