އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއް ކަމަށާއި، މިއަދު ފެންނަނީ އިސްލާމްދީން ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަ ބުނެ، ފުރައްސާރަކޮށް، އަބުރު ކަތިލާ މަންޒަރު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ގިޔާމަތް ދުވަސް”، މި މައުޞޫއުގެ މައްޗަށް ޚާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނަނީ އާޚިރަތް ދުވަހަކީ ދުންޔަވީ ހަޔާތް ނިމޭ ދުވަސްކަމަށެވެ.
”އެ ދުވަސް އަންނާނެ ވަގުތެއް މާތްﷲ ފިޔަވައި އެއްވެސްފަރާތަކަށް އެނގިގެނެއް ނުވެއެވެ. އެ ދުވަހަކީ އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެން ގޮސް، އެއްވެސް ތަރުޖަމާނަކާ ނުލައި މާތްﷲ ކޮންމެ މީހަކާ މެދު ބަސް ވަހީކުރައްވާނެ ދުވަހެވެ. އެއީ، 50،000 އަހަރާ އެއްވަރުގެ ދިގު ދުވަހެކެވެ.“ ޚުތުބާގައިބުނެފައިވެއެވެ.
އެ ދުވަހާ ގުޅިގެން ޚުތުބާގައި ބުނީ، ތިމާ ލޯބިވާ އެންމެތަކުންނާއި، އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހޭނެ ކަމަށާއި އެ ކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނެ ކަމަށެވެ. އާޚިރަތަށްޓަކައި ދުނިޔޭގައި އުޅޭ ބަޔަކު ކަމުގައި ވާންޖެހޭ ކަމަށާއި ނަމަވެސް އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއްކަމަށް ބުނެފައިވެ އެވެ.
ގިޔާމަތް ދުވަހު ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މީހަކު ދުނިޔެ ދޫކޮށްފައި ވިޔަސް އެކަލާނގެ އެމީހަކު މަޙްޝަރުކުރައްވާނެ ކަމަށާއި އެ ދުވަހުން އުފާވެރިކަންހުރީ ހެޔޮ ޢަމަލުކޮށް އުޅުނު މީހާއަށް ކަމަށް ވާއިރު މާތް ﷲގެ މަގުން މޫނު އަނބުރައިލި މީހާ އެދުވަހުން ހިތާމަކުރާނެ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.