ކައިވެންޏެއް ކޮށް، ވަރިވީއިރު ވެސް އެ ކައިވެނީގެ ރަނަށް ދޭން އެއްބަސްވި 85،000 ރުފިޔާ ދީފައިނުވާތީ ކޯޓު މެދުވެރިކޮށް އެފައިސާ ހޯދަން ހުށަހަޅައިފިއެވެ.
ފެމެލީ ކޯޓުން މިދިޔަ މަހު ފަހުކޮޅު ކޮށްފައިވާ ހުކުމެއްގައި ވަނީ، ދިވެހި ދެމަފިރިއަކު ކައިވެނިކޮށްގެން އުޅުނުއިރު ރަނުގެ ގޮތުގައި ދޭންބުނި 85000 ރުފިޔާ މިހާތަނަށް ވެސް ދީފައި ނުވާތީ އަންހެން މީހާގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ހުކުމުން އެނގޭ ގޮތުގައި އެންމެ ފުރަތަމަ ރަނުގެ މިންވަރުކަމަށް ލިޔެފައިވަނީ ހައްޖު ދަތުރެކެވެ. ނަމަވެސް އޭގެ މަތީ ރޮނގެއް ދަމައިލުމަށްފަހު، 85،000 ރުފިޔާ ފަހުން އޮތީ ލިޔެފައެވެ. އަދި ކައިވެނީގެ ސެޓްފިކެޓުގައި ވެސް ލިޔެފައިވަނީ އެ އަދަދެވެ.
އޭނާ އެދެނީ ރަނުގެ ފައިސާ އެއްފަހަރާ ދައްކައި ޚަލާސްކުރަންކަމަށް ވެސް ބުނެފައިވެއެވެ. އެއީ އޭނާގެ ފިރިމީހާގެ މަންމަ ގޭގެ އެޕާޓްމަންޓެއް ކުއްޔަށް ދީފައިވާތީ އެ ފައިސާ އެކީ އެއްފަހަރާ ދޭން ދަތިނުވާނެތީކަަމަށް އަންހެން މީހާ ކޯޓުގައި ބުންޏެވެ.
ފިރިމީހާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށާއި، ކައިވެނިކޮށްގެން އުޅުނުއިރު ވެސް ހަރަދު ނުދޭކަމަށް އަނބިމީހާ ބުނެފައިވާ ކަމަށް މައްސަލައިގައި ބުނެފައި ވެއެވެ.
އެހެންކަމުން، އެ މައްސަލަ ކޯޓުން ބެލުމަށްފަހު ހުކުމް ކޮށްފައިވަނީ، މަހަކު 8500 ރުފިޔާ ދައްކާގޮތަށް 10 މަސްދުވަހުގެ ތެރޭގައި އެ ފައިސާ އަންހެން މީހާއަށް ދީ ހަލާސްކުރުމަށެވެ. އަދި އެގޮތަށް ބަހާލައިގެން އެ ފައިސާ ދައްކަން ފިރިހެން މީހާ ވެސް އެއްބަސްވެފައިވާކަމަށް ކޯޓު ހުކުމްގައި ބުނެފައިވެއެވެ.