ރާއްޖޭގެ ކޮންމެ އަތޮޅަކުން އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ފިއުލް ސްޓޯރޭޖްތައް ގާއިމުކުރުމުގެ މަޝްރޫޢު މިއަދު އިފުތިތާހުކޮށްފި އެވެ.
މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.
ތެލަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި އާންމުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ، މިއަދު މި ފަށާ މަޝްރޫއަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، ފިޔުލް ސަޕްލައިގެ ޝެޑުތަކުން ވިއްކާ ރޭޓުގައި މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މި މަޝްރޫއު ފެށުމުގެ ކުރިން ދިރާސާއެއް ކޮށްފައިވާނެ ކަމަށާއި، އެންމެ ބޮޑަށް މަސްވެރިން ހަރަކާތްތެރިވަނީ މާލެ ސަރަހައްދުގައި ކަމަށްވާތީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލޭގެ ފިއުލް ސަޕްލައި ޝެޑުން މަސްވެރިންނަށް އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަން ފަށާފައި ކަމަށް ޝިމާދު ވިދާޅުވިއެވެ.
ބ.އަތޮޅުގައި މި މަޝްރޫއު ހިންގަން ނިންމާފައިވަނީ ތުޅާދޫގަ އެވެ.
ޝިމާދު ވިދާޅުވީ މަސްވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް ބަލައި އިތުރު ރަށްރަށުގައި ވެސް މި އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވިގޮތުގައި އަލަށް މި ފެށި މަޝްރޫއާ އެކީ މަސްވެރިންނަށް ގިނަ ފަސޭހަތަކަކާއި ލުއިތަކެއް ލިބޭނެ އެވެ.