ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އެއް ރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އިއްޔެ ވިދާޅުވެއްޖެއެވެ.
މީޑިއާއަށް ދިން އިންޓަވިއު އެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅަކަށް ހާއްސަކޮށް ޓޫރިޒަމް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީގެ ޓީމަކާ ހަވާލުކޮށްގެން ކުރިއަށްދާއިރު، އެ މަސައްކަތް މިހާރު އޮތީ ފެށުމުގެ މަރުހަލާގައި ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ތައާރަފް ނުވާ ވަރަށް ގިނަ އަތޮޅުތައް ހުރުމާއެކު ކުރިއަށް އޮތް ތަނުގައި 4،000 އާއި 6،000 އާ ދެމެދުގެ އަދަދަކަށް އެނދު އުފެދިގެން އައީމަ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަށް ގެންދެވޭނެ އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަތުރުވެރިކަމާ ގުޅޭ މަޝްރޫއުތައް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، މިނިސްޓްރީން މަސައްކަތް ކުރާނީ އެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރަށްރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނައުމަށް ފަހު ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ލޯކަލް ޕާޓީއެއް މެދުވެރިކޮށް އިންވެސްޓްމަންޓެއް ގެނެވޭތޯއެވެ.
“އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކުރާނަން،” ފައިސަލް ވިދާޅުވިއެވެ.