ރަށްރަށުގެ ކައުންސިލްތަކުގައި ބައިވަރު ކައުންސިލް މެންބަރުން ތިބިއިރު އެ ރަށްރަށަށް އެއްވެސް ތަރައްގީއެއް ނާންނަ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން އައްބާސް މިއަދު ވިދާޅުވީ، ކައުންސިލްތައް އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަަމަށެވެ. އަަދި އެ ކައުންސިލްތަކަށް ރަށްރަށުގެ ބިމުގެ ކުލީގެ ފައިސާގެ އިތުރުން ދައުލަތުގެ ބަޖެޓުން ވެސް ބޮޑު ޕަސެންޓެއް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެކަމަކު އެހާ ބޮޑު ބަޖެޓަކާ އެހާ ގިނަ ކައުންސިލަރުން ތިބޭ އިރު ވެސް، ރަށްރަށަށް އެއްވެސް ތަރައްގީއެއް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ, ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށްފަހު, ދެން ރަށުގެ މުވައްސަސާތައް ހިމެނޭ ގޮތަށް ސިޓިންގ ކައުންސިލެއް އުފައްދައިގެން ހިންގުމަކީ އެތައް ބިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭ ކަމެއް ކަމަށެވެ.
އައްބާސް ވަނީ 200 މީހުން ހަމަނުވާ އާބާދީއެއް އޮންނަ ރަށްތަކުގައި ފަސް ކައުންސިލަރުން ތިބެން ނުޖެހޭނެ ކަމަށް އިއްޔެގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވެސް ވިދާޅުވެފައެވެ. ހަމައެހެންމެ ރަށްރަށުގައި ތިބޭ ސެކްރެޓަރީ ޖެނެރަލުންގެ މަގާމަކީ އެއްވެސް ގޮތަކަށް ސިވިލް ސާވިސްގެ ދަށުން އޮންނަން ޖެހޭ މަގާމެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު ކަމަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ މީގެ ކުރިން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ ބައްދަލުވުމުގައި ބުނެފައެވެ.
ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން އެކަމާ ދެކޮޅެވެ. މެންބަރުން ވިދާޅުވާ ގޮތުގައި ޚަރަދު ކުޑަކުރުމުގެ ގޮތުން ހަމައެކަނި މަދުކުރަންވީ މަޖިލިސް މެންބަރުން އެކަންޏެއް ނޫނެވެ. ކައުންސިލް މެންބަރުންގެ އަދަދު ވެސް މަދުކުރަން ޖެހެއެވެ.