ކައުންސިލަކުން ނެރޭ ބަޔާނެއް ބާތިލުކުރަން އެލްޖީއޭއަކަށް ނޭންގޭނެ: އުޝާމް

b_ClO1LSlT0ponqJbeHuRMsZq6m.jpg

6 މާޗް 2024 އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ނިއުސްކޮންފަރެންސްގައި--- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ކައުންސިލްތަކުން ނެރޭ ބަޔާން ބާތިލްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ނޭންގޭނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭޖީ އުޝާމް މިހެން ވިދާޅުވެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް ފާޑުކިޔައި ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އެލްޖީއޭ އިން އެންގުމާ ގުޅިގެންނެވެ.

އޭޖީ އޮފީހުން މިއަދު ބޭއްވި ނޫސްބަޔާނުގައި އެކަމާބެހޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ކައުންސިލަކުން ގާނޫނު އަސާސީއާ ނުވަތަ ގާނޫނާ ހިލާފަށް ކަމެއް ކުރާނަމަ އެލްޖީއޭއިން ދެން އަމަލު ކުރަންޖެހޭގޮތް ވެސް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.

”ވަކި ޕްރޮސެސްއެއް ފުރިހަމަކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އެޅޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި މިއޮތީ. މިހެން އޮތް ކަމެއްގައި ކައުންސިލަކުން ނޫސްބަޔާނެއް ނެރުމާ ގުޅިގެން އެ ނޫސްބަޔާން ބާތިލްކުރުމަށް އެލްޖީއޭއަށް އެންގިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން ކުޑަކޮށްދަތި، އަޅުގަނޑު ގަބޫލުކުރާކަމެއް ނޫން އެއީ،“ އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، އެލްޖީއޭއަށް ގާނޫނީ ލަފާ އަރުވާ މީހެއްގެ ހައިސިއްޔަތުން އެހެން އެކަން ނުކުރެވޭނެ ކަމަށް، ގާނޫނީ ލަފާވެސް ދެއްވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދެވި ދަތުރު ފުޅުގައި މިދިޔަ ބުރާސްފަތި ދުވަހު ކެނދިކުޅުދުއަށް ވެސް ވަޑައިގެންނެވިއެވެ.

އެކަމާ ގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ރައީސް އާއި ވަޒީރުންގެ ވާހަކަފުޅުގެ މިސްރާބު ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ދެއްކެވި ވާހަކަފުޅަކަށް ބަދަލުވެފައިވާ ކަމަށެވެ.

”އެ ހަފުލާގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަގުސަދުގައި އިންތިޒާމު ކުރެވުނު ހަފުލާއަކަށް ބަދަލުވެގެންދިޔަ ދިއުން، މި ކައުންސިލުގެ ފަރާތުން ކުށްވެރިކުރަމެވެ. ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުންހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެ އެވެ،“ ބަޔާނުގައިވެއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ކުރިން ވިދާޅުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ ބަޔާން ބާތިލުކުރަން ލިޔުމުން އެލްޖީއޭ އިން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top