
އޭދަފުށީ ސަހަރާ ފާރުގައި މަޖިލިސް ކެންޕޭން ޕޯސްޓަރުތަކެއް ހިއްޕާފައިވާސަރަހައްދަކުން ބަޔަކު ހިނގާފައިދަނީ. ކައުންސިލުން ބުނާގޮތުން ސަހަރާ ފާރުގައި ޕޯސްޓަރު ހިއްޕާފައިވަނީ ގަވާއިދާ ހިލާފަށް / ފޮޓޯ: ޒަހާން
އެމެރިކާގެ ފުރަތަމަ ރައީސް ،އެބްރަހަމް ލިންކަން ވިދާޅުވެފައިވާ މި ބަސް، އަނެއްކާވެސް ހަނދާން އާކޮށްދީފި އެވެ. މި ދުވަސް ވަރު ފެންނަ ކަންތައްތަކާ އިވޭ އަޑުތަކާހުރެއެވެ.
ގާނޫނު ހަދާ މަޖިލީހަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށްކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުން ހޮވިއްޖެނަމަ އެ ބޭފުޅުންގެ މައިގަނޑު މަސައްކަތަކަށް ވާނީ،ގާނޫނު ހެދުމާ ގާނުނު އިސްލާޙް ކުރުން ކަމަށް ވާ އިރު ގާނޫނަށް ތަބާ ވުމުގައިވެސް އެބޭފުޅުން ތިއްބަވަން ޖެހޭނީ އެންމެ ކުރީގައެވެ. އޭގެ މާނަ އަކީ ގާނޫނު ހަދާ މީހާ ގާނޫނަށް ރައްކާ ތެރި ވާށެވެ. އެކަމަކު ކަންތައް ހިނގަނީ މުޅިއަކުން މިހެން ނޫނެވެ. ބައެއް ކެންޑިޑޭޓުންގެ ފަރާތުން މިއާ ދިމާ އިދިކޮޅަށް، ގާނޫނަށް ތަބާ ނުވާ މަންޒަރު އެބަ ފެނެއެވެ. ނުވަތަ ތިމަންނަ މިހުރީ ގާނޫނަށް ވުރެ މަތީގައި ކަމަށް އެބޭފުޅުންގެ ޢަމަލުން ދައްކައެވެ.
މިސާލަކަށް ސަރުކާރުގެ އިމާރާތް ތަކާ ރައްޔިތުންގެ ތަންތަނާއި ފާރުތަކުގައި ޕޯސްޓަރ ފަދަ ތަކެތި ތަތް ކުރުމާއި ހަރުކުރުން ފަދަ ކަންކަމަކީ މަނާ ކަމެއް ކަން އެނގިހުރެ އެދަ ކަންތައް ކުރެއްވީމާ އެ ދެއްކެނީ އެކަމެއް ނޫންތޯއެވެ؟ އެ ބުނެވެނީ އަހަރެމެންނަކީ ގާނުނަށްވުރެ މަތީގައި ތިބި ބައެއް ކަމާއި އަހަރެމެންނަކަށް ގާނޫނެއް ނުހިގާނެއޭ ނޫންތޯއެވެ. ނުވަތަ ކަލޭމެންނަށް މި ދަސްކޮށްދެނީ ގާނޫނުގެ ބާރުތައް ކަނޑުވާލާށެވެ. އަހަރެމެން މި ދައްކަނީ އެ ނަމޫނާ އެވެ.
މިއީ ވަރަށް ދެރަ ކަމެކެވެ. މި ފަދަ މީހުންނާ މެދު ވިސްނާލާއިރު ދެންނެވޭނީ މިބައި މީހުން ، މި ގައުމު ގެންދަން އެއުޅެނީ ވަރަށް ނުބައި ދިމާލަކަށެވެ. އެއީ ޖަންގަލީގެ ގާނޫނާ ދިމާލަށެވެ. ނުވަތަ ކަނޑުގެ ގާނޫނާ ދިމާލަށެވެ. މިގޮތް އަހަރެމެން އެކަކުވެސް ބޭނުމެއް ނުވާނެއެވެ. .އަހަރެމެންނަކީ ޒަމާނުއްސުރެ ގާނޫނަށް ބޯލަނބާ ގާނޫނީ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރަމުން އައި ބައެކެވެ. ބޭރުގެ އަޅުވެތިކަމާ ނުފޫޒަށް ފާޅުގައި ނޫނެކޭ ބުނެފައިވާ ބައެކެވެ. ވިމާ މިއަދު ވެސް އަހަރެމެން ތިބެން ޖެހޭނި އެގޮތުގައެވެ. އަހަރެމެން ވާން ޖެހޭނީ ގާނޫނުގެ ބާރު ކަނޑުވާލަން މަސައްކަތްކުރާ ކޮންމެ މީހަކަށް ނޫނެކޭ ބުނަން ކެރެންޖެހޭނެ ބަޔަކަށެވެ. އެއީ މިއަދާއި މާދަމާގެ ދަރިންގެ ޙައްގު ގައި އަދާކުރަން ޖެހޭނެ ގައުމީ އަދި ފަރުދީ ވާޖިބެކެވެ.
ގާނޫނާއި ގަވާއިދު ހެދިފައި ހުންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ.މަނާ ކަންތައް އެއީ މަނާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މި ސަލާމަތީ ސަބަބު ތަކަށް ޓަކައެވެ.މިކަން ގަބޫލު ކުރަން ޖެހެ އެވެ.
މި ރަށަށް ބަލާއިރު ރައްޔިތުންގެ ތެރޭގައި ގާނޫނާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން މަޑުމަޑުން ނެތެމުން ދާކަމީ ހިތާމަހުރި ހަގީގަތެކެވެ. ކޮންމެވެސް ބަޔަކު ޑިމޮކްރަސީ އޭ ކިޔާ މާ މޮޅު ނިޒާމެއްހިފައިގެން އައިސް އޭގެ ނިވަލުގައި ތިބެގެން އަހަރެމެންގެ ތެރޭގައި އޮތް ރީތި އާދަކާދަތައް ނަގާލައި އާގޮތަކަށް ވަރަށް މޮޑަންކޮށް ވެރިންނަށް ނުކިޔަމަންތެރިކަން ދެއްކުމާ، ރަށުގެ ރީތިކަމާއި އެއްބައެއްވަންތަކަން ދެމެހެއްޓުމަށްޓަކާ ހެދިފައި ހުރި ގަވާޢިދު ތަކުގައި ކޮޅުފައިން ޖަހަން ފަށައިފިއެވެ. ކުރިންވެސް ދެންނެވި ފަދައިން ޑިމޮކްރަސީ ގެ ނަމުގައެވެ.
މީގައި ވިސްނަން ޖެހޭ ކަމަކީ ރަށް ރީތިކޮށް ބޭއްވޭނީ އެންމެންވެސް އާނ ކިޔައިގެން ކަމެވެ. މިސާލަކަށް ކުނި އަޅަން ވަކި ތަނެއް ޚާއްޞަކޮށްފައި ވާއިރު އެ ތަނަށް ކުނި އަޅަން ދިއުމުގެ ބަދަލުގައި އެހެން ތަނަކަށް ކުނި އަޅައިފި ނަމަ ރަށް ހަޑިވީއެވެ. އެމީހާގެ އަމިއްލަ ރަށް ރީތިކޮށް ބާއްވަން ބޭނުން ނުވާކަމުގައި އެ ބުނެވުނީއެވެ. އޭރުން މި ރީތި ރަށުގެ ރީތި ކަން ވެސް ގެއްލުނީއެވެ. ހަމަ މި ގޮތަށް ހިނގާ މީހުންނަށާ ދުއްވާ ތަކެއްޗަށް އުދަނގޫވާ ގޮތަށް މަގުގައި އެއްޗެތި ބެހެއްޓުމަކީ އެމީހުންގެ ހައްގަށް އެ އަރައިގަނެވުނީ ކަމުގައި ބެލެވިދާނެއެވެ. މިފަދަ ކިތަންމެ ކަމެއް އަހަރެމެންގެ ތެރޭގައި ޢާއްމު ވަމުން އެބަދެއެވެ.
ގާނޫނު ހަދާ މަޖްލީހަށް މެންބަރުން ހޮވުމަށް ވަގުތު ކުޑަތަން ވަމުން ދާއިރު މިކަން ކަމަށް ވިސްނާނެ މީހުން ގިނަ ވާނެ ކަން ކެންޑިޑޭޓުންނަށް އެގިވަޑައިގަންނަވަން ވާނެއެވެ. ގާނޫނި ގޮތުން ކިތަންމެ މަތީ ފާސް ތަކެއް ނަންގަވާފައި ކިތަންމެ ފުންނާބު އުސް ބޭފުޅެއް ކަމުގައި ވިޔަސް އެބޭފުޅަކީ ގާނޫނަށް ތަބާ ވުމުގައި ފެއިލް ވެފާ ހުރި ބޭފުޅަކަށް ވާނަމަ ރައްޔިތުން އެކަމަށް ވިސްނާނެއެވެ. އެހެނީ ގާނޫނުހަދާ މަޖިލީހަށް ގާނޫނަށް ތަބާ ނުވާ މީހުން ހޮވައިފި ނަމަ ދެން ވާނެގޮތްވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަންނާނެތީއެވެ. ހަމަ އެއާއެކު ދޮގު ވައުދުވާ މީހުންނާއި ނުކުރެވޭނެ ކަންކަމުގެ ލިސްޓެއް ހިފައިގެން ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން އުޅޭ މީހުން ވެސް އެންމެންނަކީ މޮޔައިން ކަމުގައި ދެކިގެން ނުވާނެއެވެ.
ކެންޑިޑޭޓުން އެންމެ ފުރަތަމަ ،ރައްޔިތުންނަށް ރިވެތި ނަމޫނާ ދައްކަވާށެވެ. ރިވެތި އަޚްލާޤް ދައްކަވާށެވެ. ގާނޫނު ތަކާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދު ތަކަށް ގޮން ޖައްސަވާފައި ދެން ރައްޔިތުންގެ ގާތަށް ވޯޓް ހޯދަން އަތުވެއްޖެނަމަ ދެން ވާނެގޮތް ވެސް އެއީ ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ. ވަރަށް ބާރަށް ކުރިއަށް އައިސް އަމިއްލަ ފޮށައަށް ފައިން އެރޭނީއެވެ.
ކިޔުންތެރިންގެ ޚިޔާލު