ކޮވިޑް-19އަށް ޕޮޒިޓިވްވި އއ. މަތިވެރި ދެމީހަކު ކަރަންޓީނު ވުމަށް އަންގާފައިވަނިކޮށް އެޗްޕީއޭގެ އުސޫލާ ޚިލާފަށް މަގުތަކަށް ނުކުމެ އުޅުނު ދެމީހަކު އެކަމަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދުން ޖުރިމަނާ ކޮށްފިއެވެ.
މަތިވެރީގައި އުޅޭ ފުލުހުންނަށް މި ދެ މީހުން މަގުމަތިން ފެނިގެން ކޮންމެ މީހަކު ޖޫރިމަނާކުރީ 10،000ރ. އިންނެވެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކެހެރިވުމަށް އަންގާ އުސޫލާ ހިލާފުވުމުން ކުރާ އެންމެ ބޮޑު ޖޫރިމަނާ އެވެ.
މީގެ ތެރެއިން އެކަކު ބޭރަށް ނުކުމެ އުޅެނީ އޭނާ ހުރި ގެއިން އެހެން ގެއަކަށް ދިއުމަށެވެ. އަނެކަކު ބޭރަށް ނުކުމެ އުޅެނީ މީހަކާ ބައްދަލުކުރާށެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ބަލިފެތުރެމުން އަންނަ މަތިވެރީގެ 50 ޕަސެންޓަށް ވުރެން ގިނަ ގެތައް ހުރީ ކަރަންޓީންކޮށްފަ އެވެ. އެ ރަށުގައި ދިރިއުޅޭ 700 މީހުންގެ ތެރެއިން 170 މީހުން ކޮވިޑަށް ޕޮޒިޓިވެވެ. މި ހާލަތުގައި ބަލި ކޮންޓްރޯލްކުރަން އެންމެ ރައްކާތެރި ގޮތަކީ، އެކަހެރިވެ ތިބުން ކަން އެ ރަށުގެ ޓާސްކް ފޯހާއި ކައުންސިލުން ވެސް އޮތީ ރައްޔިތުންނަށް އަންގައިފަ އެވެ.
މި އެންގުމާ ހިލާފުވާ މީހުންނަށް ދަނީ ފިޔަވަޅު އަޅަމުންނެވެ.
އެ ރަށުގެ ހެލްތު ސެންޓަރުގެ ވެސް އެންމެ މުވައްޒަފަކު ނޫނީ އެންމެންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. ކައުންސިލްގައި ވެސް މަަސައްކަތް ކުރަން ހުރީ އެންމެ މުވައްޒަފެކެވެ. ބަލީގައި ހާލަތު ސީރިއަސްވެއްޖެ ނަމަ، ފަރުވާދެވޭނެ ގޮތެއް ނެތެވެ.
“މި ހާލަތުގައި އެންމެން ވެސް އުޅެން ޖެހޭނީ ވަކި އުސޫލަކަށް ތަބާވެގެން ކަން އޮތީ އަންގާފައި،” އާތިފް ވިދާޅުވި އެވެ.