ހަގީގަތެއްގެ މައްޗަށްބިނާކޮށް ލިޔެފައިވާ ވާހަކައެއް

ރރރރ.jpg

(31 އޮގަސްޓް އާގުޅޭ)

މިއަދަކީ ހައްވާފުޅުގެ ހަޔާތުގައި އައި އެންމެ އުފާވެރިދުވަހެވެ. މަޖީދިއްޔާސްކޫލްގެ މިއަހަރުގެ އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ތިން ދަރިވަރުންގެ ތެރޭގައި ޝާފީ ހިމެނުނީއެވެ. މިނަތީޖާއާއެކު ސަރުކާރުގެ ޚަރަދުގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތުވެސް ފަހިވީއެވެ. މިއުފާވެރިކަމާއެކު ކަންފަތުގައި އެހެން އަޑެއްވެސް ގުގުމަމުން އެބަދެއެވެ. އޭނާގެހަޔާތަށްއައި އެންމެބިރުވެރިރޭ އެކުވެރި ސިއްތި ބުނި ވާހަކައެވެ.

“ނުރޮއި ހައްވާފުޅާ! ތިޔަ ކަމުގައިވެސް ފޮރުވިފައިވާ ކޮންމެވެސް ޙިކްމަތެއް އޮންނާނެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަމުގައި ހީކޮށްލާ!”

އެކަމުގައި ފޮރުވިފައިވާ ސިއްރަކީމިއީއެވެ. އަހްމަދުގެ ހަޔާތުން ބޭރުކޮށްނުލިނަމަ ނުރޮއި އިދެވިދާނެކަން ނޭގެއެވެ. އެކަމަކު ހަމަގައިމުވެސް މިފަދަބޮޑެތި ކާމިޔާބުތަކެއްނުލިބޭނެއެވެ. އަހްމަދު އަދިވެސް އެބަހިއްޓެވެ. ހަފީޒް ބޮޑުވެއްޖެއެވެ. އޭނާގެ އެހެންދަރިންވެސް އެތިބީއެވެ. ހަފީޒަށް ތަޖްވީދުމަގުން ޤުރުއާން ކިޔަވަން ދަސްކޮށްދިނީ އޭނާއެވެ. ހަފީޒަށް ކިޔަވައިދީ ބަލަހައްޓަނީ އޭނާގެބޮޑުބޭބެއެވެ. ކިޔެވުމުގެ ރޮނގުން ކިތަންމެ ބޮޑުކުރިއެރުމެއް ހޯދިޔަސް އެއީ ބައްޕަގެހިއްސާއެއް އޮތްކަމެއްނޫނެވެ. އެކަމަކު ހައްވާފުޅުގެ ފުރިހަމަ ބާރު ހަފީޒުގެ މައްޗަށް އޮތްނަމަ ހަފީޒު މިއަދު ހުންނާނީ ޝާފީއެކޭ އެއްފަދައިން މޮޅަށް ކިޔަވައިގެންނެވެ.

އަހްމަދުގެ ކުދިންނަކީ ކިޔެވުމަށްވުރެބޮޑަށް އެހެންކަންކަމަށް ޝައުގުވެރިކަން ހުންނަ ކުދިންނެވެ. އެކުދިން ތަރުބިއްޔަތުކުރުމުގައި މަންމައަށް އެހީތެރިވާނެމީހަކުނެތުމުން ވާގޮތް ކަންނޭގެއެވެ.

 

ޒަރީނާގެ ކިޔެވުން ގްރޭޑްއަށެއް ނިމުމާއެކު ހައްވާފުޅު ގަސްދުކުރީ މާލެއަށް ބަދަލުވާށެވެ. އިރުއިރުކޮޅާ މާލެ އަންނަންޖެހުމުން އެކަމުގެގެއްލުން ޒަރީނާގެ ކިޔެވުމަށްކުރާތީ އެގޮތަށްނިންމީއެވެ. ޒަރީނާ އަށްއެގޮތް ކަމުނުދިޔައަސް އަނެއްދެކުދިން އެގޮތަށް އެދޭތީއާއެކުގައެވެ.

މާލެއަށް އައިސް ޒަރީނާ ވަނީ އެމްއީއެސްގެ ގްރޭޑް ނުވައަކަށެވެ. މުނީފާވެސް އޯލެވެލް ހަދައިފިއެވެެ. ބޭބެފަދަ މޮޅުކުއްޖަކަށްނުވިއަސް އޭނާއަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުގެ ސްކޫލުން ލިބޭވަރު ކުރިއެވެ.

 

 

ތިންއަހަރުގެ ނިޔާ ފުރިހަމަ ކުރުމަށްފަހު އަހްމަދު އޭދަފުއްޓަށް އަތުވެއްޖެއެވެ. އޭނާހުރީ ވަރަށްބޮޑަށް ހިކި އަނަރޫފަ ވެފައެވެ. މެދު ނުކެނޑި ބަލިވެ އުޅޭތީ ވެފާހުރިގޮތެއްކަމަށް ވެދާނެއެވެ. ދޯނިން ފައިބައިގެން އައިސް ގެއަށްވަނުމާއެކު ހައިރާންކަން އިންތިހާއަށްދިޔައެވެ. އެގެއަކު އެއްވެސްމީހަކުނޫޅެއެވެ. މަޑުމަޑުން މަންމައަށް ގޮވާލިއެވެ. ޚަބަރެއްނުވުމުން ފަހަރިއަށްގޮވައިފިއެވެ. އެކަމަކު ގޭތެރޭގައި އޮތީ ހިމޭންކަމެވެ. ހިތަށް އަރަމުން ދިޔައެވެ. މަންމަ ކޮބާހެއްޔެވެ. މިގޭގައި އުޅޭ އެހެންމީހުންތައް ކޮބާހެއްޔެވެ. އޭނާ މިރަށުން ފުރައިގެން ދިޔައިރުވެސް މަންމައަކީ އެކަނީހާލަށް ނޫޅެވޭވަރުމީހެކެވެ. ދެން މިހާރު…… ދުވެފަ ކަހަލަ ގޮތަކަށް ގޮސް މަންމަގެ އެނދު ބަލާލިއެވެ. އެނދުހުރީހުހަށެވެ. ބެޑްޝީޓެއް ބާލީހެއް ރަޖާއެއްފަދަ އެއްޗެއްވެސްނެތެވެ. އަނެއްކާވެސް މަންމަ އަށް ގޮވާލެވިއްޖެއެވެ. މިފަހަރު ތަންކޮޅެއްބާރަށެވެ.

“މަންމަ ނިޔާވެއްޖެ. ” އޭނާގެ ގާތުގައިހުރީ ފަހަރިއެވެ.

“މަރުވަމުން ދިޔައިރުވެސް ބުނަމުންދިޔަ މަގޭ އަހްމަދުކޮބާހޭ އޭނާ ގެނެސްދޭށޭ. ވާހަކައެއް ބުނަންބޭނުމޭ. އެކަމަކު އަހަރެމެންނަށް އެކަމެއްނުކޮށްދެވުނު. އެހެން ކިޔާލަކިޔާލަ އޮވެ އެންމެފަހުނޭވާލީ. ” ފަހަރިވެސް ފެންކަޅިވެއްޖެއެވެ. އެކަމަކު އޭނާ ދެލޯ ފޮހެލާފައި ވާހަކަ ބަދަލު ކޮށްލިއެވެ.

“އަހަރެމެން މިއުޅެނީ އާގެއަށް ބަދަލުވާން. އެހެންވެ. މިއަދު މިއުޅެނީ އެތަނުގަ”

ފަހަރި ހިގައްޖެއެވެ.

މަންމަގެ އެނދުގައި އިނދެގެން އަހްމަދު ރޮމުންގެންދިޔައެވެ. މަންމަނުފެނި މަރުވެދިޔައީ އޭނާގެ ވިޔާނުދާކަމުންނެވެ. އެހެންމީހުންފަދައިން އަބުރުވެރިކަމާއެކު އުޅުނުނަމަ އޭނާއަށް މި ބަދުނަސީބު ދުވަސްތަކާ ކުރިމަތިލާކަށްނުޖެހުނީހެވެ. އެންމެ ފަހުވަގުތުވެސް މަންމައަށް ޚިދުމަތް ކުރުމުގައި ދެމިހުރެވުނީހެވެ. އެކަމަކު އެއްވެސް މީހަކު މަންމަގެ މަރުގެޚަބަރު ނޭންގީ ކީއްވެގެން ހެއްޔެވެ. އޭނާއަށް އެ ޚަބަރު ދޭންޖެހޭނެއެވެ. ކޮންމެވެސް މީހަކު އޭނާއާ ހަމައށް އެޚަބަރު ދިޔަނުދީ އެއޮތީހިފަހައްޓާފައެވެ. އެއީ މުވާސަލާތުގެ މައްސަލައެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.

 

މި ދުނިޔޭގައި އޭނާގެ ދެން އޮތްހާވެސް އެއްޗަކީ އޭނާގެ ދަރިންނެވެ.އެކަމަކު އެކުދިންވެސް ވީތަނެއް ނޭގެއެވެ. ހޯދަންދާހާ ހިތްވަރެއްވެސް ނެތެވެ. ހޯދުމުގެ ބޭނުމެއްވެސް ނެތެވެ. އެދަރިންނަށް ބައްޕައަކީ މުހިއްމު މީހެއްނަމަ އެންމެ ކުޑަމިނުން ސިޓީއެއްހާ ހިސާބުވެސް ފޮނުވީހެވެ. އެދަރިން ދުނިޔޭގައިތިބެމެ އޭނާއަށްޓަކާ އެއުޅެނީ މަރުވެގެންނެވެ. މިއަށްވުރެ ނިކަމެތިކަމެއް އިންސާނަކަށް ލިބޭނެހެން ހިއެއްނުވެއެވެ. އޭނާ އަށް އެހީވާނެ އެކަކުވެސް މިހާރަކުނެތެވެ.

އަހްމަދު ތެދުވެއްޖެއެވެ. ފެންވަރައިގެން ނިމުނުއިރު ފަހަރިހުރީ ސައިހަދާފައެވެ. އޭނާގެ ދައްތައިންނާ އަންހެން ކޮއްކޮމެން އެބަތިއްބެވެ. އަންހެން ދަރިންވެސް އެބަތިއްބެވެ. އެއެންމެން ފިޔަވައި ދުރުހިލޭ މީހަކު އޭނާ އަށް ކާންދޭން ޖެހޭތީ އިނީ ވަރަށް ލަދުގެންފައެވެ.

އެތައް ދުވަހެއްގެފަހުން އޭނާއާއިހައްވާފުޅު ދިރިއުޅުނު ކޮޓަރިއަށްް ވަދެއްޖެއެވެ. އޭނާއަށް ހީވީ ހައްވާފުޅު އެބައުޅޭހެންނެވެ. ކުރިމަތީގައިހުރި ކުޑައުދޯލީގައި ހަފީޒް ނިންދަވަން އެބައިންހެންނެވެ. އޭނާ އުދޯއްޔަށް ބަލައިލިއެވެ. ހަމައެވަގުތު އޭނާގެ ހުތުރުމާޒީގެ އެކިޞަފްޙާތައް ވަކިވަކިން ސިކުނޑިއާ ހަމަލާ ދޭންފެށިއެވެ. ހައްވާފުޅުގެ އޯގާތެރިކަމުގެ ބަދަލުގައި އެފަކީރަށް ދިން އަނިޔާއާއި ރޭގަނޑުދަންވަރު ބޯކޮށް ވެހިވެހިއޮތް ވާރޭގެތެރެއަށް ހަތްމަސްނުވާ ކުޑަދަރިފުޅާއެކު ބޭރުކޮށްލި ރޭގެހާދިސާ ކުރިމައްޗަށްއައިސް އަޑުގެކޮޅަށް ކިޔާދޭންފަށައިފިއެވެ.

” ހަނދާންކުރާތި ފިރިހެނާ! އަހަރެންގެ މިކަރުނަތައް ވިހަ ހަރުފައަކަށްވެގެންއައިސް ކަލޭގެހުރިހާ އުފަލަކަށް ވިހަލާނެ. އަނިޔާލިބިގެންވާ އަންހެނެއްގެ ދުޢާއަކީ ފަހަރެއްގައިވެސް ރައްދުކުރެވޭނެ އެއްޗެއް ނޫން. އެކަން އެނގެންވާނެ.”

ހައްވާފުޅުގެ މި އަޑުތައް ހިނދެއްހިނދަކަށް ގަދަވަމުން އައެވެ. އެންމެ ފަހުން އެއަޑުތަކާހުރެ ކަންފަތް ފަޅައިގެން ހިގައިދާނެހެން ހީވުމުން ދެކަންފަތުގައި އަތްއަޅައިފިއެވެ. އެއަޑުތައް ނާހަން ވެގެންނެވެ. މޫނުގައި އަތް އަޅައިފިއެވެ. ހައްވާފުޅަށް ނުބަލަން ވެގެންނެވެ. އޭނާ ރޮއިގަތެވެ.

” ހައްވާފުޅާ! އެއީ އަހަރެން ގަސްދުގާ ކުރިކަމެއްނޫން. އަހަންނަށް މާފު ދީ.! ”

އޭނާ އުދޯލިކައިރިއަށް ދިޔައެވެ. ހައްވާފުޅެއްނެތެވެ.

ހައްވާފުޅާމެދު ކަންތައް ކުރެވުނުގޮތަކީ ﷲގެ ކޯފާ ހައްގުވާކަމެއްކަމުގައި ގަބޫލުކޮށްފިއެވެ. އޭނާއަށް ދިރިއުޅުމުގައި ދިމާވި ދެރަ ގޮތްތަކަކީ ހައްވާފުޅުގެ ކަރުނައިގެ ނަތީޖާކަން މިހާރު ޔަގީންވެއްޖެއެވެ.

އޭނާތެދުވެއްޖެއެވެ. މުޅިން އެހެންމީހެއްގެގޮތުގައެވެ. ބޭނުންވީ ނަފްސު ޠާހިރުކުރުމެވެ. ކުރެވިފައިވާ ފާފަތަކުން ސަލާމަތްވެެ، ދުނިޔޭގައި ބާކީއޮތް މަދުދުވަސްކޮޅު ޞާލިޙްމީހެއްގެގޮތުގައި ހޭދަކޮށްގެން އާޚިރަތް ލިބޭތޯ މަސައްކަތްކުރުމެވެ.

މިއީ އުމުރުގައިވެސް ހެޔޮއަމަލުތަކާ ދިމާއަށްދިއުމަށް ނިޔަތްގަތް ފުރަތަމަފަހަރެވެ. އޭނާގެ ޒުވާންއުމުރު ރޭގަނޑުގެ ވަގުތުތައް ހޭދަކޮށްފައިވަނީ ކުޅިވަރާމަޖަލުގައެވެ. ދުންޔަވީ އުފާތަކުގެ މަސްތުގައެވެ. މިކަން ހިތަށްއަރާފައި އަމިއްލަނަފްސު ފާފައިގެ ދުނިޔެއިން ސަލާމަތްކުރުމުގެ ހިތްވަރު ލިބުނީތީވެ އުފާކުރާހާލު މިސްކިތަށްދިއުމަށް ހިނގައިގަތެވެ.

 
ކޮންމެދުވަހަކު ފަތިހުތެދުވެ ފަތިސް ނަމާދުކުރުމަކީ ބަޔާންކުރަން ނޭގޭ ރޫޙާނީ އުފަލެއް ލިބޭކަމެއްކަން އަޙްމަދުއަށް ތަޖްރިބާކުރެވުނީ އަދިކިރިޔާއެވެ. އޭނާ ކޮންމެދުވަހެއްފަށަނީ ފަތިސްނަމާދުންނެވެ. ދުވަސްނިންމަނީ އިޝާނަމާދުންނެވެ. ދުވާލުގެ ގިނަވަގުތު ހޭދަކުރަނީ ދީނީފޮތްކިއުމާ ދަންނަބޭކަލުންގެ ގާތުން ކިޔެވުމުގައެވެ. ދިރިހުރުމަށް ކޮންމެވެސް މަސައްކަތެއްކުރަންޖެހޭތީވެ ފެހުމުގެ މަސައްކަތް ކޮންމެވެސްވަރަކަށް ކުރެއެވެ. އެނޫން ހުރިހާ ޚިޔާލުތަކަކުން ސިކުނޑި ހުސްހުރިއެވެ. ގެއްލުނު އެއްޗެއް ގެއްލިދިޔައީއެވެ. އެއީ މާޒީއެވެ. އެހަނދާންތައް އާކޮށްގެން ރުއިމުގާ ވަގުތުތައް ހޭދަކުރާނީ ދުނިޔެއަށް ދަހިވެތިވެފައިވާ މީހުންނެވެ. މާޒީން އިބްރަތް ލިބިގަނެގެންް ކުރިމަގު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ ބުއްދިވެރިންގެ ގޮތެވެ. އޭނާބޭނުންވަނީ ހަމައެކަނި ތިންއިރުގެ ފުރާގެވެ. އެވަރުލިބުމުންފުދެއެވެ.

މިކަހަލަ އާދައިގެ ދިރިއުޅުމަކީ ކުރިން ނުދަންނަ ކަމަކަށްވިޔަސް މިކަމުގައިހުރި ހިތްގައިމުކަން އިހްސާސްކުރެވެމުން ހަގީގީދިރިއުޅުމުގެ ފޮނިކަން ވަޒަންކުރެވިއްޖެއެވެ. ދުވާލު ހަތަރުދަމުން ނުފުދިގެން ރޭގަނޑާއެކު މަސައްކަތްކުރުމުންވެސް ބޭނުންވާ ވަރަށް ފައިސާ ނުލިބޭ ޝަކުވާގެއަޑު ވަރަށްގިނައިން އިވެއެވެ. އޭގެހަގީގަތްވެސް މިއެނގުނީ އަދިކިރިޔާއެވެ. އިންސާނާގެ ބޭނުންތައްގިނައީއެވެ. ހަގީގީ މައްސަލައަކީމިއެވެ. ދުނިޔޭގެ އެދުންތައް ގިނަވުމެވެ. އަރާމެއްނެތި ރެއާދުވާލު މަސައްކަތްކުރަންޖެހެނީ މިހެންވީމައެވެ. މީހުން އެހާ ފަސޭހައިން ގޯޅި އަޅަންޖެހެނީވެސް މިހެންވީމައެވެ.

 

އަހްމަދުގެ އުޅުން ބަދަލުކޮށްލި ވަރުގަދަ އިންގިލާބަކީ ޝައްކެއްނެތް ގޮތުގައި ހައްވާފުޅާމެދު އަމަލު ކުރެވުނު ގޮތެވެ. އަސްލަކީމިއެވެ. އެކަމުން ހެދުނުގޯހުން އިތުރުގޯސްތަކެއް ތަކުރާރުވީއެވެ. ހާދިސާ ނިމުނުއިރު އޭނާގެ ހުރިހާއެއްޗެއް ގެއްލިދިޔައީއެވެ. އެހާހިސާބުން ހޭލެވުނުއިރު އޭނާވަނީ ދުނިޔެއަށް މޫނު ދައްކާލަންނުކެރޭ ވަރަށް ބަދުނާމުވެ ބޭޒާރުވެފައެވެ. އަބުރުގެއްލި އަގުވެއްޓިފައެވެ. އެހެންވިޔަސް ދިރިހުރުމުގެ އުންމީދުނަގާނުލާ މުޅިން އާމީހަކަށްވެގެން ދުނިޔެއަށް ނޭވާލާންފެށިއެވެ. ކުރެވިފައިވާ ކުށްތަކަށް ތައުބާވެ ޞާލިޙް މީހެއްގެ ގޮތުގައި އުމުރުގެ ދެން އޮތްބައި ނިންމާލުމަށް އަމިއްލަ ނަފްސަށް ވައުދުވިއެވެ.

ހައްވާފުޅުގެ ކިބައިންމައާފު ހޯދުމަކީ ތައުބާވުމަށްޓަކާ ކުރަންޖެހޭ ފުރަތަމަ ކަންތަކެވެ. ކިތަންމެބޮޑު ލަދަކާ ކުރިމަތިލާން ޖެހުނަސް އެކަން ކުރާނެއެވެ. އެހެންނަމަވެސް ހައްވާފުޅު ރަށުގައި ނޫޅެތީ އޭނާއަށްޖެހުނީ ހައްވާފުޅު އަންނަންދެން މަޑުކުރާށެވެ.

އަހްމަދު އުޅެނީ އޭނާގެ ބޭބެގެ ގޭގައެވެ. ކާބައިންގެ ގެ ހުއްޓަސް އެގެއަކު މިހާރު މީހަކު ނޫޅެއެވެ. އާއިލާގެ އެންމެން ގެދޮރުއަޅައިގެން ދިރިއުޅެނީ އަމިއްލަ ގޭގައެވެ. އޭނާއަށް އެވަރުވެސް ނުވިއެވެ. އުމުރުގެ މިހާހިސާބަށްް ދިޔައިރު ގޯއްޗެއް ލިބިފައި އޮވެމެ ގެއެއްނޭޅުނު މީހުންނަކީ އޭދަފުށީގެ ނިސްބަތުން ވަރަށް މަދުބައެކެވެ.

އޭނާ އެނބުރި ރަށަށްް އައިއިރުވެސް އުޅެނީ ބަލިވެއެވެ. މެދުނުކެނޑި ހުމެއްއަންނަތާ އެތަކެއްދުވަސް ވެއްޖެއެވެ. ހަށިގަނޑު މާބޮޑަށް ނިކަމެތިވަމުންދަނީ އެހެންވެގެންނެވެ.

އެއީހަވީރު ފަހެއްޖަހާކަށްހާއިރުއެވެ. ގޭގެ ކުރިމަތީގައިހުންނަ ޖޯލިފަތީގައި ޖައްސާލައިގެން އޭނާއޮތީ ފޮތެއްކިޔާށެވެ. އެފޮތުގެތެރެއަށް ގެއްލިފާއޮތްވަރުން މީހަކު ކުރިމަތީގައިހުރެގެން ސަލާންގޮވާއަޑުވެސް ނީވުނެވެ. އެއަޑު އިވުނީ ތަންކޮޅެއްބާރަށް ދެވަނަފަހަރު ސަލާން ގޮވާލުމުންނެވެ.

އަހުމަދު ސަލާން ބަލައިގަންނަމުން ކުރިމަތީގައިހުރި އަންހެނާއަށް ބަލައިލިއެވެ. ވަރަށް އާދައިގެހެދުމެކެވެ. ޒަމާނުގެ އަނިޔާއިން މޫނުގައިވާ ދޮންކަމާއި ޒުވާންކަމުގެ ކުލަތައް މަޑުމަޑުން ފަސްދީ ދާތަން ކިތަންމެހާވެސް ރަނގަޅަކަށް އަންގައިދެއެވެެެ. އުމުރުން ތިރީހަށްވުރެ މައްޗަކަށް ނުދާނެއެވެ. ދަންނަ މީހެއްްހެން ހީވިޔަސް ސީދާ އެއީ ކާކުކަން ނޭގި އިންދާ އޭނާ އަމިއްލައަށް ތައާރަފުވާން ފަށައިފިއެވެ.

“އަހަންނަކީ އައިސްތު. މިރަށުގެމީހެއްް. ވަރަށް އާދައިގެއާއިލާއެއްގައި ހުރި ހަމައެކަނި އަންހެންދަރިފުޅު. އެހާ ރީތިކޮށް އުޅުނު މީހެއްނޫން. އެހެން ދުވަހެއް އޮތްކަން ހަނދާން ނައްތާލާފައި ދުނިޔޭގެ މަޖަލުގެ ތެރެއަށް ގެއްލިގެން ދިއުމުން އެކަމުގެ ހިތާމަ މުޅިއުމުރަށް ކުރަންޖެހިފައިއިން އަންހެނެއްް. އެކަމަކު މިހާރު ބޭނުންވަނީ އެހުރިހާ ކަމެއް ހަނދާން ނައްތާލާފައި ރަނގަޅު މީހަކަށްވެގެން އުޅުމަށް.”

ދެން އޭނާ ކައިރިއަށްމިއައީ ކީއްކުރަންހެއްޔެވެ. އޭނާގެ ގާތު މިވާހަކަދައްކައިގެން މިއުޅެނީ ކިހިނެއް ވެގެންބާއެވެ؟ އަހްމަދު ހައިރާންވެއްޖެއެވެ. އޭނާ ބުންޏެވެ.

” ހޯދަން ތިޔަ އުޅޭ މީހާކައިރިއަކަށް ނޫންކަންނޭގެ ތިޔަ އާދެވުނީ.”

“ނޫނޭ މި އާދެވުނީ ރަނގަޅު މީހާ ގާތަށް. އެކަން ޔަގީންވަނީ މިހާރުވެސް ދިރާސާކުރަމުން ތިޔަގެންދަނީ ގުރުއާންތަފްސީރު. އެހެންނޫންތަ؟ ” އަހްމަދުގެ އުނގުމަތީގައިއޮތް ފޮތަށް އިޝާރާތްކޮށްލަމުން އައިސްތު ބުނެލިއެވެ.

“އަހަރެންގެ ވާހަކަ ތަންކޮޅެއް ތަފްސީލު ކޮށް ކިޔާދިނިއްޔާކަންނޭގެ ބޮޑަށް އޮޅުން ފިލާނީީ. ކުޑަވަގުތު ކޮޅެއް ބޭނުންވަނީ. އޯކޭތަ؟”

އަހްމަދު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އައިސްތުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ކުރިންވެސް ބުނިފަދައިން އަހަންނަކީ ފަސްބައި ތާހިރުމީހެއްނޫން. ކުރެވުނު އެންމެފާފައަކުން އެކަން އެހެންވީ. ރަށުންބޭރު ފިރިހެނެއްގެ ދަޅައިގާޖެހިގެން އޭނާ ޖަހާހާ ބެރަކަށް ނަށަމުންގޮސް އެންމެފަހުން އޭނާގެ ނާޖާއިޒްދަރިއަކަށް ބަލިވެއިނދެފި. އެބޯޓްކޮށްލަން މަސައްކަތްތަކެއްކުރި ނަމަވެސް އެކަމެއްނުވި. އެފިރިހެނާއަކީ މީހެއްގެފިރިއެއްކަން އެނގިހުރެ ފާފަކުރީ ކައިވެނިކުރާނެކަމުގެ ޔަގީންކަންދިނިމާ. އަހަރެންހުރީ ދެއަނތްބަށް ވެސް އިންނަން ތައްޔާރަށް. އެކަމަކު އަހަރެންގެ ވިހެއުމާ ގުޅިގެން އޭނާގެއްލުނީ. ވީތަނެއްވެސް ނޭނގެ. ހޯދާކަށްވެސްނޫޅެން. މިގޮތަށް ދިމާވުމުން އާއިލާގެއެންމެންނާ ރައްޓެހިންވެސް އަހަންނާމެދު ދެކެންފެށީ ވަރަށްގޮތްކުޑަ އަންހެނެއްގެގޮތުގަ. ކުރިން އަހަންނާހެދި ދީވާނާވެގެން ފަހަތުން ދުވިފިރިހެނުންތައްވެސް އަހަންނަށް މަލާމާތްކޮށް ފުރައްސާރަކުރަނީ. އެކަމަކު މިމުޖްތަމައުގާ އަހަރެންފަދައިން ކައިވެނިން ބޭރުގަ މިއަމަލުހިންގި ކިތައްމީހުން އުޅޭކަން އެމީހުންނަށް ނޭގުނު.  ބައެއްމީހުން އެބޯޓް ކޮށްފައިވެސް އެބަތިބި ހަމަ ވަރަށްފާޅުގަ. އެެވާހަކަ މުޅިރަށުގަ ގޮވިޔަސް ދެތިންދުވަހުން އެކަން އޮބިގެންހިގައިދޭ. އެއަށްފަހު އެމީހުންނަކީ އެއްވެސް މިލައެއްނެތް ސާފު ބައެއްގެ ގޮތުގައިި ލޭބަލްކުރެވިގެންދޭ. އަހަންނާ އެމީހުންގެތަފާތަކީ އެމީހުންގެދަރިފުޅުމަރުވުން. އަހަރެންގެދަރިފުޅު ދުނިޔޭގައި ހުރުން. ކޮށްގެން މިއުޅެނީ ހަމައެއްކަމެއް.” އައިސްތު އަހްމަދުއަށް ބަލައިލިއެވެ. އޭނާގެ ވާހަކަތައް އަހްމަދު ޝައުގުވެރިވެފައި އިނެވެ.

” ކިތަންމެ ބޮޑު ޖަރީމާއެއްހިންގިޔަސް އެކަން ފަޅާނާރާނަމަ ނުބީހެންޏާ ކަނޑާހަމަ.މީ މި ދުނިޔެގައި ކަން ހިނގާ ގޮތަކީ. ” އޭނާ ހިނިތުންވެލިއެވެ. އަދި އަހްމަދަށް ބުނެލިއެވެ.

“އަހަރެން މިއުޅެނީ އެއްގޮތަކަށްވެސް ކުށުން ބަރީއަވާކަށްނޫން . ޝައްކެއްނެތް ގޮތުގަ އަހަރެން ކުރީ ބޮޑު ފާފައެއް…..ދެން އެވާހަކަ ހުއްޓަލަމާ ހިނގާ.!……” އޭނާ ވާހަކަ ހުއްޓާލިއެވެ.

އޭނާ ބޭނުންވީ އޭނާގެ ވާހަކަތަކަށް އަހުމަދު ދެކޭ ގޮތެއްއޮޅުން ފިލުވާށެވެ. އެހެންނަމަވެސް އަހްމަދު ހަމަ އަގައިންވެސް ނުބުނެ އެހުރިހާ ވާހަކައަކަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލަޖަހާލާ އިނީއެވެ. ދެންވެސް ވާހަކަދައްކަން ފެށީ އައިސްތުއެވެ.

“އަހްމަދު ގާތަށް މިއައީ އަހަރެން އަހާ ގޮތުގައި ތިޔައީވެސް އަހަރެން ފަދައިން އެހާރަނގަޅަށް އުޅުނުމީހެއްނޫން. ކޮންމެވެސް ހާދިސާއެއް މެދުވެރިވެގެން މިހާރު ތިޔައީ މުޅިން ބަދަލުވެފައިވާ މީހެކޭ ބުނާއަޑު އަހަން. ބޭނުންވަނީ ހަމަތިޔަގޮތަށް އަހަރެންވެސް ބަދަލުވާން. ފާފަތަކުން ހަށިގަނޑު ސާފުކޮށް ދޮވެލަން. ﷲ އެންގެވި ގޮތަށް އުޅެން. އަހަންނަކީ އެހާބޮޑަށް ކިޔަވައިގެންއިން އަންހެނެއް ނޫން. މިކަންތައްތަކުގައި އެހީވެދޭތޯ މިއައީ. މާނައަކީ އަހްމަދު ހެޔޮމަގަށް އެނބުރުމަށް ކުރި މަސައްކަތް އަހަރެންވެސް ކުރަންބޭނުންވާތީ އެކަން އޮޅުން ފިލުވައި ދޭތޯ މިއައީ. ހަމައެއާއެކު ދިރިއުޅުމަށް އެހެންމީހުންނަށް ބަރޯސާނުވެ އުޅެވޭކަހަލަ މަސައްކަތެއްވެސް ދަސްކުރުމުގެ ބޭނުމާވެސް އެކު. ތިޔައީ ވަރަށް ރީތި ކޮށް ފަހަންދަންނަމީހެއްކަން އެނގޭ. އެހެންވީމާ ފަހަންދަސްކުރުމަކީވެސް އަހަރެންގެ ޝައުގަކަށް ވާތީ އެކަންވެސް ބޭނުންވެގެން މިއައީ. ” އޭނާގެ ވާހަކަނިންމާލިއެވެ. (ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top