ލިއުނީ : މުބާރިކްރަފީއު ޑޭޒީވިލާ ބ.އޭދަފުށި
ކޮންމެ މަހެއް ނިމުމާއެކު ކަރަންޓު ކުންފުނިން ގެއަށް ފޮނުވާ ކަރަންޓު ބިލަކީ ވަރަށް ގިނަ ބައެއްގެ ބޮލުގަ ރިހުމެކެވެ. ރާއްޖޭގެ ބައެއް ރަށް ރަށުގައި ބައެއް އާއިލާތަކުން އެމީހުންގެ މަހުމުސާރައިގެ ވިހި ޕަސެންޓުވަރު ކަރަންޓު ބިލަށް ހަރަދުކުރެއެވެ. އެހެންކަމުން މިބިލް ވީހާވެސް ކުޑަކުރުމަކީ ގިނަ އާއިލާ ތަކެއްގެ އެދުމެކެވެ.
ގޭބިސީތަކުގެ ކަރަންޓު ބޭނުންކުރާ މިިންވަރު ދަށްކުރުމަކީ ހަމައެކަނި އެގޭގެ އަހުލުވެރިންގެ އެދުމެއް ނޫނެވެ. ހައިރާންކަމާއެކު ބުނަންޖެހެނީ އެއީ ރާއްޖޭގެ ހުރިހާ ކަރަންޓު ކުންފުންޏެއްގެ އެދުމެއްވެސްމެއެވެ. ރާއްޖޭގެ ގިނަ އިންޖީނުގެތަކަކީ މާލީގޮތުން އެހާ ތަނަވަސް ތަންތަންނޫންކަމަށް ވެފައި އެތަންތަނަކީ އެރަށަކަށް ބޭނުންވާވަރަށް ކިރިޔާ ކަރަންޓު އުފެއްދޭވަރުގެ ކެޕޭސިޓީ ހުރި ތަންތަން ކަމަށްވާތީ ކަރަންޓު ބޭނުންކުރާވަރު ވީހާވެސް މަދުކުރުމަކީ އެކުންފުނިތަކުގެވެސް އެދުމެކެވެ. ތިރީގައި މި ލިޔެލަލީ ގޭތެރޭގައި އުޅޭއިރު އިތުރުހަރަދެއް ނުކޮށް ކަރަންޓު ބިލު ކުޑަކުރުމުގެގޮތުުން ކުރެވިދާނެ ބައެއްކަންތަކެވެ.
އާދައިގެ ގެއެއްގެ އެންމެ ހަރަދުބޮޑު އާލާތަކީ އެއާކޯނެވެ. ގާތްގަނޑަކަށް ކަރަންޓުބިލުގެ ދެބައިކުޅަ އެއްބަޔަކީ އެއާކޯނަށް ނަގާކަރަންޓެވެ. އެއާކޯން ބޭނުންކުރާނަމަ އޭގެ ފިނި މާގަދަ ނުކުރާށެވެ. އެއާކޯން ބޭނުން ކުރަނީ ހޫނުން ސަލާމަތްވާން ކަމަށްވާއިރު އައިސްއަލަމާރިއާ އެއްވަރަށް ކޮޓަރީގެ ފިނިމިން ބެހެއްޓުމުގެ ބޭނުމެއްނެތެވެ. އެއާކޯންގެ ކޮމްޕްރެސަރަކީ ވަރަށް މަތީކަރަންޓެއް ނަގާއެއްޗެއްކަން ހަނދާން ބަހައްޓާށެވެ. އޭސީ ޖައްސާފައި ހުންނައިރު ދޮރާއި ކުޑަދޮރުތައްހުރީ ރަނގަޅަށް ލައްޕާފައިތޯ ބަލާށެވެ. އަދި ގޭތެރެއަށް އަވި ނުވަންނަގޮތަށް ދޮރުފޮތިތައް ދަމާލާށެވެ. އޭސީގެ ފިލްޓަރުތައް ގަވައިދުން ސާފު ކުރުމަކީވެސް އެއަށްނަގާ ކަރަންޓުހަރަދު ދަށްކޮށްދޭނެކަމެކެވެ.
އަލަށް އޭސީއެއް ގަންނަނަމަ އިންވާޓަރ ވައްތަރުގެ އޭސީއެއް އިޚްތިޔާރުކުރާށެވެ. އަދި ކޮޓަރިއަށް އެންމެ އެކަށީގެންވާ ބީޓީޔޫގެގެ އެއާކޯނެއްގަންނާށެވެ.
އެއާކޯންގެ އިތުރަށް ގޭގައި ކަރަންޓު ހަރަދު އެންމެބޮޑަށް ހިނގާ ދެވަނަ އެއްޗަކީ ކަރަންޓު އިސްތިރިއެވެ. ކޮންމެ ދުވަހަކު އިސްތިރިކުރުމުގެ ބަދަލުގައި ހަފްތާއަކު ވަކިދުވަސްތަކެއް ކަނޑައަޅައިގެން އިސްތިރިކުރާށެވެ. އަދި އިސްތިރިކޮށް ނިމުމުގެ ކުޑައިރުކޮޅެއް ކުރިން އިސްތިރިނިވާލައި އޭގައި ހުރިހޫނު ބޭނުންކުރާށެވެ.
އައިސްއަލަމާރިއަކީވެސް ގޭގެ ކަރަންޓުބިލުގެ ބޮޑުބައެއް ހިއްސާކުރާ އެއްޗަކަށްވާއިރު އައިސްއަލަމާރި އަށް ކޮންމެހެންލާންނުޖެހޭ އެއްޗެއްނުލާށެވެ. އޭރުން ފިނިކުރަން އައިސްއަލަމާރި ކުރަންޖެހޭ މަސައްކަތް މަދުވެ ކޮމްޕްރެސަރު ޖެހޭވަގުތު މަދުވާނެއެވެ. އަދި އައިސްއަލަމާރީގެ ފިނިހޫނުމިންވެސް ކުރެވެން އޮތް އެންމެ ދަށްކުރާށެވެ. އެކަމަކު ކާބޯތަކެތި ބަހައްޓަން އެކަށީގެންވާ ވަރެއްގައެވެ.
ގޭތެރެއަށް އަލިކުރަން ބޭނުންކުރާ ހޮޅިބުރީގެބަދަލުގައި އެނާޖީސޭވަރބޮކި ބޭނުންކުރާށެވެ. މިފަދަ ބޮކި ގަންނަށް ބޮޑުހަރަދެއް ދިޔަކަމުގައިވިޔަސް މީ ގިނަދުވަހަށް ކުރެވޭ ފައިދާބޮޑު އިންވެސްޓްމެންޓެކެވެ.
ޓީވީ، ޑެސްކްޓޮޕް ކޮމްޕިއުޓަރު އަދި ފޯންޗާޖަރުފަދަ އާލާތްތަކަކީ ސްޓޭންޑްބައި މޯޑުގައިވެސް ކަރަންޓު ބޭނުންކުރާ އެއްޗިއްސެވެ. އާދައިގެ ޓީޥީއެއް އޮފްކޮށްލާފައި ހުންނައިރުވެސް 15 ވަރަކަށް ވޮޮޓްގެ ކަރަންޓު ނަގާނެއެވެ. ޚާއްސަކޮށް ޓްރާންސްފޯމަރެއް އިންނަ ކޮންމެއާލާތެއް އޮފްކޮށްލިއަސް ކަރަންޓު ކަނޑާނުލާނަމަ ކަރަންޓު މީޓަރަށް ބާރުކުރާނެއެވެ.
މިސާލަކަށް ނިއްވާލާފައި ނުވަތަ ބޭނުންނުކޮށްހުންނަ ޓީޥީއަކާއި ޑެސްކްޓޮޕް ކޮމްޕިއުޓަރަކާއި ކޭބަލް ޑިކޯޑަރަކާއި ދެތިން ފޯނުޗާޖަރަކާއި އިންޓަރނެޓް މޮޑެމްއަކަށް 65 ވޮޓްނަގާނަމަ އެއީ ކޮންމެ ދުވަހަކު ބޭކާރުވެގެންދާ 1.56 ކިލޯވޮޓްއަވަރ ކަރަންޓެވެ. މަހަކަށް ބަލައިފިނަމަ އެއީ 46 ކިލޯވޮޓްއަވަރއެވެ. ނުވަތަ މަހަކު 46 ޔުނިޓެވެ. މިދެންނެވުނު އާލާތް ތަކަކީ ހަމައެކަނި ތިބާ ގޭގައި ހުންނަ އަށެއްކަ ގަޑިއިރު ސްވިޗް އޮންކޮށްފައި ހުންނަ ތަކެތި ނަމަ މަހެއްގެމަައްޗަށް 30 ކިލޯވޮޓްއަވަރ ސަލާމަތް ކުރެވޭނެއެވެ. މާލޭގެ ގެއެއްގައި 2.25 ގެ ރޭޓުގައި ސްޓެލްކޯއިން ކިލޯވޮޓްއަވަރއެއް ވިއްކާއިރު ކަރަންޓު ބިލުން މިސަލާމަތް ކުރެވުނީ 70 ވަރަކަށް ރުފިޔާއެވެ.
އެހެންވެ މިފަދަ އާލާތްތައް ބޭނުންނުކުރާގަޑީގައި ކަރަންޓު ނަގާފައި ހުންނަ ސޮކެޓްގެ ސްވިޗްވެސް އޮފް ކޮށްލާށެވެ.