ފިޔާ – އަސްލުފައިދާ ބަޔާންކުރަންދަތި އެއްޗެއް

ARS_red_onion.jpg

ފިޔާއަކީ އަޅުގަނޑުމެންގެ ކެއުމުގައި ޢާއްމުގޮތެއްގައި ބޭނުންކުރަމުން އަންނަ ތަރުކާރީއެކެވެ. ޞިއްޙީގޮތުން ބަލައިލާއިރު، ﷲގެ ރަޙްމަތުން، ފިޔާއަކީ ވަރަށް ގިނަގުނަ ފައިދާތައް ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ. ފިޔާގެ އަޞްލު ފައިދާތަކާއި ރަހަޔަކީ ބަޔާންކުރަން ވަރަށް ދަތި އެއްޗެކެވެ. އަދި ފިޔާގެ މަޝްހޫރުކަން ނަގާލެވޭވަރުގެ އެގޮތުގައި ބޭނުންކުރެވޭ އެހެން ތަރުކާރީއެއްވެސް ނުހުރެއެވެ. ނަމަވެސް، ފިޔާ ކެއުމަށް އެޑިކްޓުވެފައިވާ މީހަކަށް، ވަގުތާއި ޙާލަތުގެ ގޮތުން ބޭނުންކުރެވިދާނެ ބައެއް އެހެން ތަކެތި ހުރެއެވެ.

ފިޔާގެ ޞިއްޙީ ފައިދާތައް

ފިޔާއަކީ، ކްރޮމިއަމް، ވިޓަމިން އޭ، ވިޓަމިން ސީ، ޑައެޓަރީ ފައިބަރ، މެންގަނީސް، ވިޓަމިން ބީ6، ފޮލޭޓް، ޕޮޓޭސިއަމް، އަދި ކޮޕަރ ފަދަ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް ލިއްބައިދޭ އެއްޗެކެވެ.

ޙަކީމީ ބޭސްވެރިކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ފިޔާގެ ބޭނުން ހިފެމުންދެއެވެ. އެގޮތުން، އަރުދަފުސް، ކެއްސުން، އެސްތްމާ، ބެކްޓީރިއަލް އިންފެކްޝަން، ނޭވާލުމުގެ މައްސަލަތަކާއި އަދި ދިރޭސޫފިތަކުން ރައްކާތެރިވުމަށްވެސް ފިޔާގެ ބޭނުންކުރެވެމުން ދެއެވެ. އަދި ފަހުގެ ތަޙްލީލުތަކުގެ އެހީގައި، ޙަކީމީގޮތުން ކުރެވޭ ގިނަ ކަންތައްތަކުގައި ބޭނުން ހިފޭ އެއްޗެއްކަންވަނީ ޘާބިތުވެފައެވެ. އަދި އެހެންމެ ކެއްސުމާއި، ނޭވާހިއްލުމާއި އަދި ބްރޮންކައިޓިސް ފަދަ ކަންކަމަށް ހެދޭ ބޭސްތަކުގައި ފިޔާގެ މާއްދާތައް ބޭނުންކުރެވެމުން ދެއެވެ.

ފިޔާގައި ހިމެނޭ މާއްދާއެއްކަމުގައިވާ ތަޔޯސަލްފިނޭޓްސް (thiosulfinates) ގެ ސަބަބުން، ބޮޑު ގޮހޮރުގެ ނިމޭކޮޅުގެ ޓިއުމަރުތައް އުފެދުން މަދުކޮށްދެއެވެ. އަދި އެހެންމެ އުރަމަތިފަރާތް، ރަޙިމް، މަޛްޒު ބޭރުކުރާތަން، ފުރަގަސްފަރާތް، އަދި ކާއެއްޗެހި ދަތުރުކުރާ ހޮޅީގެ ކެންސަރުތަކަށް ފިޔާއަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ. ޢާއްމުގޮތެއްގައި ފިޔާ ބޭނުންކުރާ މީހެއްނަމަ، އޭނާގެ ކޮލެސްޓްރޯލް މިންވަރާއި، ޓްރައިގްލައިސެރައިޑް މިންވަރާއި، ލޭގެ ޕްރެޝަރާއި، ލޭމަނާކޮށްދިނުމުގައި އެހީތެރިވެދޭ ޕްލޭޓްލެޓް މާއްދާގެ މިންވަރުތައް ރަނގަޅުކޮށްދިނުމުގެ އިތުރުން، ހަރޓް އެޓޭކް ނުވަތަ ސްރޯކް ޖެހުން ފަދަ ކަންތައްތައް މަދުކޮށްދެއެވެ.

ފިޔާ އަދި އޭގެ އިތުރުން ލޮނުމެދުގައިވެސް، ދުޅަވުންފަދަ ކަންތައްތަކަށް ފަރުވާއެއް ވެއެވެ. އަދި އޮސްތިއޮ އާރތްރައިޓިސް އަދި ރިމޮޓޮއިޑް އާރތްރައިޓިސް ލުއިކޮށްދެއެވެ.

ފިޔާގެ ބަދަލުގައި ބޭނުންކުރެވިދާނެ ބައެއް ތަރުކާރީ

ފިޔާ ހިމެނެނީ، 600 އެއްހާ ބާވަތްތައް ހިމެނޭ ވަރުގަދަ އާއިލާއެއްކަމުގައިވާ އެލިއަމް (Allium) އާއިލާގެ ބާވަތްތަކުގެ ތެރެއިންނެވެ. އަދި ހަމަ މިއާއިލާގެ އެހެނިގެން ތަރުކާރީތައް ކަމުގައިވާ، ލޮނުމެދު، ލީކްސް، ކުދިފިޔާ، ފެހިފިޔާ، ގަންޑާ ފަދަ ބާވަތްތަކަކީ ގާތްގަނޑަކަށް ފިޔާ ފަދަ ސިފަތައް ލިބިގައިވާ ތަރުކާރީތަކެވެ. އަދި ފިޔާގެ ބަދަލުގައި ބޭނުންކުރުމަށް އެތަކެތިވެސް ރަނގަޅުވާނެއެވެ. ޞިއްޙީ ފައިދާތަކުގެ ތެރެއިން ގިނަ ފައިދާ ލިއްބައިދެނީ ފިޔާގައި ހިމެނޭ ސަލްފަރ (Sulfur) ހިމެނޭ ބައިތަކުގައެވެ. އަދި އެލިއަމް އާއިލާގެ ހުރިހާ ބާވަތެއްގައިވެސް ސަލްފަރ އެކުލެވިގެންވެއެވެ.

ތއެލިއަމްގެ ބާވަތްތަކުގެ ތެރެއިން، ލީކްސް (Leeks) އަކީ ފިޔާގެ ބަދަލުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނެ، ފަސޭހައިން އަތުޖެހޭ އެންމެ ރަނގަޅު ބާވަތެވެ. އެހެނީ، އޭގެ ރަހައަކީ ފިޔާގެ ރަހަޔާއި ވަރަށް ގާތްކުރާ ކަހަލަ ރަހައެކެވެ.

އެހެނަސް، އެންމެ ރަނގަޅު ބާވަތަކީ ހުނގު (Asafoetida) އެވެ. މިއީ ރޯކޮށް ހުންނައިރު ވަރަށް ޒަވިވަހެއް ދުވާ އެއްޗެއް ކަމުގައިވިޔަސް، ކައްކާލުމުން ފިޔާގެ ރަހަޔާ ދާދި އެއްރަހައެއްދޭ އެއްޗެކެވެ. އަދި އެހެންކަމުން ފިޔާގެ ބަދަލުގައި ބޭނުންކޮށްލުމަށް އެންމެ ކަމުދާ އެއްޗެވެ. ފިޔާ ފަދައިން، މިއީވެސް ޙަކީމީ ބޭސްވެރިކަމުގައި އޭޝިޔާގެ ބައެއް ޤައުމުތަކުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އޭގެ ފައިދާތަކުގެ ތެރޭގައި، ބަނޑުގައި އުފެދޭ ގޭސް މައްސަލަ ކުޑަކޮށްދިނުމާއި، ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތަކާއި، ދަތުގައި ރިހުމާއި، އިންފްލުއެންޒާ އަދި ޖިމާޢުވުމުގައި ބަލިކަށިމީހުންނަށް ފަރުވާލިބުން ހިމެނެއެވެ. އަދި މިހާރު މަޝްހޫރުވެގެންއުޅޭ ސްވައިން ފްލޫ (H1N1) ގެ ޖަރާސީމާ ދެކޮޅަށް ޙަރަކާތްތެރިވާ މާއްދާއެއް ހުނގުގަހުގެ މޫތަކުން އުފައްދާކަމަށް، ޓައިވާންގެ މެޑިކަލް ޔުނިވާސިޓީއަކުންވަނީ 2009 ވަނަ އަހަރު ހާމަކޮށްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top