ރެޑްބުލް ވިނިންގް ފައިވް 2019 ފުޓްސަލް މުބާރާތް ވެލާ ސްޕޯޓްސް އާއި ރެޑްބުލް ގުޅިގެން އޭދަފުށީގައި ބާއްވަން ނިންމައިފިއެވެ.
ވެލާ ސްޕޯޓްސް އިން ބުނީ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށާ، ރެޑްބުލް ވެބްސައިޓަށްވަދެގެން ރެޖިސްޓަރ ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
ވެލާ ސްޕޯޓްސް ކްލަބްގެ ފަރާތުން އާޒިމް އަބްދުލް ސައްތާރު (ޒިންޓޭ) އީވީއަށް މައުލޫމާތު ދެމުން ބުނީ މިއީ އޭދަފުށީގެ ޒުވާން ފުޓްސަލްގެ ހުނަރު ޤައުމީ ފެންވަރުގައި ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަޝްހޫރު ބްރޭންޑްތަކުގެ ބޮޑެތި މުބާރާތްތައް އޭދަފުއްޓަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އާޒިމް ބުންޏެވެ.
މުބާރާތް ކުރިއަށްދާނީ 23 މެއި ވާ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށި ފުޓްސަލް ދަނޑުގައެވެ. މި މުބާރާތް އެއް ރެއިން ނިންމާލެވޭއިރު، އޭދަފުށިން ޗެމްޕިއަންކަން ނަގާ ޓީމަށް އެހެން ޒޯންތަކުގެ ޗެމްޕިއަނުންނާ ވާދަކުރުމަށް މާލެ ދާން ފުރުސަތު ލިބެއެވެ. މާލެއިން ޗެމްޕިއަންކަން ނަގާ ޓީމަށް ބައިލައްކަ ރުފިޔާ ދޭން ރެޑްބުލްއިން ވަނީ ނިންމާފައެވެ.
މި މުބާރާތުގައި ކޮންމެ ޓީމަކުންވެސް ފަސް ކުޅުންތެރިން ކުޅޭއިރު، އެއް ޓީމުން ލަނޑެއް ޖަހައިފިނަމަ އިދިކޮޅު ޓީމުން އެކަކު ފައިބަން ޖެހޭނެއެވެ. ކޮންމެ މެޗެއްގެވެސް ފުރިހަމަ ވަގުތަކީ 10 މިނެޓެވެ. މުބާރާތުގައި ކުޅޭ ކޮންމެ ޓީމެއްވެސް ކުޅެންޖެހޭނީ ރެޑްބުލްއިން ދޭ ހާއްސަ ބިބް ބައެއް ލައިގެންނެވެ.