ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުން އަތޮޅުތަކުގައި ހިންގަމުން އަންނަ ރީޖަނަލް އޮފީސްތަކާއި ރީޖަނަލް ޑިޕާޓްމަންޓްތައް އުވާލަން ނިންމަފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަމާގުޅިގެން އިއްޔެ އެކޯޕަރޭޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، “ކުންފުނީގެ މާލީ ހާލަތަށް ދިމާވެފައިވާ ދަތި އުދަނގޫތަކުން އަރައިގަތުމަށްޓަކައި ޚަރަދު ކުޑަ ކުރުމަށް ނިންމާފައިވުމާއެކު” ފެނަކައިގެ ރީޖަނަލް އޮފީސްތަކާއި ރީޖަނަލް ޑިޕާޓްމެންޓްތައް އުވާލަން ނިންމާފައިވާ ކަމަށެވެ.
“މިއަދާ ހަމައަށް ކުންފުނީގެ މަސައްކަތް ހިނގަމުންދާގޮތް ތަޖުރިބާ ކުރެވުނުއިރު، ރަށްރަށުގެ ބްރާންޗާއި މައި އޮފީހާ ދެމެދު އިތުރު އިދާރީ އޮފީހެއް ހުރުމުގެ ސަބަބުން މަސައްކަތް އަދި ޚިދުމަތް ލަސްވެ މޮނިޓަރ ކުރުމުގައި ގިނަ ދަތިކަމެއް ދިމާވޭ.” ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ރީޖަނަލް އޮފީސްތައް އުވާލަން ނިންމާވާކަން އިއުލާނު ކުރިނަމަވެސް އެތަންތަނުގައި މަސައްކަތް ކުރަމުން ދާ މުވައްޒަފުންނަށް ވާނެ ގޮތެއް އެސާކިއުލަރގައި ބުނެފައެއް ނުވެއެވެ.
ފަހަކަށް އައިސް ފެނަކަ އިން ގެންދަނީ ބައެއް މުވައްޒަފުން ސަސްޕެންޑްކުރުމާއި ވަޒީފާ އިން ވަކިކުރުމުގެ އިތުރުން ވަޒީފާގެ ބިރު ދައްކަމުން ކަން ފާހަގަ ކުރެވެއެވެ.