ގާޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގައި ކުރިޔަށް ގެންދިޔަ ހެލްޕް ގާޒާ ފަންޑަށް ބ. އޭދަފުށީ ގައި ހިންގި ހަރަކާތްތަކުން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
މިޕްރޮޤްރާމްގެ ދަށުން އެންމެ ބޮޑުއެހީއެއް އޭދަފުށިން ލިބުނީ ކައުންސިލް އިދާރާގައި ބަހައްޓާފައިހުރި ފަންޑުފޮއްޓަށެވެ. އެފޮއްޓަށް 87،042.87 ރ. ލިބިފައިވާއިރު ކައުންސިލް އިދާރާގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރައަށްވާ 6957.00 ރ އާއި ރައްޔިތުންގެ ނަމުގައި މާލިއްޔަތު އެކައުންޓުން ދިހަ ހާސް ރުފިޔާ އާއެކު ޖުމް 103،999.87 ރުފިޔާ އިއްޔެ ގާޒާ ފަންޑް އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ކައުންސިލުން ބުނެއެވެ..
މީގެ އިތުރުން އަތޮޅު ކައުންސިލުންވެސް ވަނީ ބޮޑެތި އެހީތަކެއްވެފައެވެ. ބ. އަތޮޅު ރައްޔިތުންގެ ނަމުގައި އަތޮޅު ކައުންސިލުން ވަނީ 27،522ރ ހަދިޔާ ކޮށްފައެވެ. އަދިތައުލީމީ މަރުކަޒުގައި ބެހެއްޓި ފަންޑް ފޮއްޓަށްވެސް ސާޅީސް ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.
މީގެ އިތުރުން، ސަރުކާރުގެ ގިނަ މުއައްސަސާތަކުންނާއި ކުންފުނިތަކުން ވަނީ އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ އެއްކޮށް ފަންޑަށް ހަދިޔާ ކޮށް، އަދި އެ މުއައްސަސާތަކުން އިތުރު ފައިސާގެ އެހީތައް ފަންޑަށް ވެދީފަ އެވެ.
މިއެހީތަކަށް ބަލާއިރު އޭދަފުށީން ދެލައްކައަށްވުރެ ގިނަރުފިޔާ ގާޒާ ފަންޑަށް ހަދިޔާކުރެވިފައިވާނޭކަމަށް ކަމާބެހޭ ސަރުކާރު އިދާރާތަކުގެ ތަފާތު ހިސާބުތައް ބުނެއެވެ. މީގެކުރިން ރާއްޖޭގައި ހިނގުނު އެހީގެ ޕްރޮޤްރާމްތަކަށް އޭދަފުށިން މިހާބޮޑު ތަރުހީބެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.