ފައިނަލްގައި އޭދަފުއްޓާ ގޮއިދޫ ބައްދަލުކުރަން ޖެހިއްޖެ

26166904_1970685366552798_3967765999701972574_n.jpg

މިއަދުގެ މެޗްގައި ގޮއިދޫގެ ކުޅުންތެރިން ލަނޑެއްޖެހުމަށްފަހު އުފާފާޅުކުރަނީ. ފައިނަލްގައި ގޮއިދޫ ބައްދަލުކުރާނީ އޭދަފުއްޓާ / ފޮޓޯ: ޑީއައިކަޕް އެފްބީ ޕޭޖް

ދޮންފަނުގައި މިހާރު ކުރިޔަށްދާ ދޮންފަނު އިންވިޓޭޝަން ކަޕްގެ ފައިނަލް މެޗްގައި އޭދަފުއްޓާ ގޮއިދޫ ބައްދަލުކުރަން ޖެހިއްޖެއެވެ.

ގޮއިދޫ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅެވުނު ސެމީފައިނަލްގެ ދެވަނަ މެޗްގައި 7-0ގެ ނަތީޖާއަކުން ދޮންފަނު މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގައި މޮޅު ކުޅުމެއްދެއްކި ގޮއިދޫ ޓީމުން ޖެހި ހަތްލަނޑުގެ ތެރެއިން 4 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ފޯވާޑް އިބްރާހީމް ނާޝިޒްއެވެ. އަނެއް ތިންލަނޑު ޖެހީ ނާސިހް ޔޫސުފާއި، ހުސައިން ޝާމް އަދި އިފްހާމެވެ. ދޮންފަނަށް މިމެޗްގައި މާގިނަ ހަމަލާތަކެއް އުފެއްދޭގޮތެއް ނުވިއެވެ.

މިއަދުގެ މެޗަކީވެސް ދެޓީމްގެ ފަރާތުން ގިނަ އަދަދެއްގެ ކުޅިބެލުންތެރިން ހާޒިރުވި މެޗެކެވެ. ގޮއިދޫ ޓީމުގެ ސަޕޯޓަރުންގެ ފޯރިއާއި، އަޑުގަދަކުރުން ފާހަގަވިއިރު، ދޮންފަނު ސަޕޯޓަރުންގެ އަޑު މަޑެވެ.

މެޗަށް ފަހު ގޮއިދޫ ޓީމްގެކޯޗް އިބްރާހީމް މާޖިދު (މަޖީ) ބުނީ މިއަދުގެ ކުޅުމާމެދު ބުނާނެ އިތުރު އެއްޗެއް ނެތްކަމަށާ، ފޯވާޑް ނާޝިޒްއަށް ސެލިއުޓް ކުރާކަމަށެވެ. އަދި ހުކުރު ދުވަހު އޭދަފުށި ބަލިކުރުމަށް ރޮކެޓް ހަމަލާތަކެއް އުފައްދާނެކަމަށް އޭނާ ބުންޏެވެ.

“ވަރަށް ރަނގަޅަށް ކުޅުނު މުޅި ޓީމްވެސް. ހަތަރު ލަނޑުޖެހި ނާޝިޒްއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާއަކީ ގައުމީ ފެންވަރުގައި ވިދާލާނެ ކުޅުންތެރިއެއް. އޭދަފުށި ބަލިކޮށްގެން ތަށި ލިބޭނީ. ނުބުނާނަން ރާވާނެ ގޮތެއް. އެކަމަކު ރޮކެޓް ހަމަލާތަކެއް ދީގެންނަމަވެސް ބަލިކުރަން ހިފާނީ” ގޮއިދޫ ސީނިއަރ ޓީމްގެ ފޯވާޑް މާޖީ ބުންޏެވެ.

ދޮންފަނު ޓީމްގެ ކޯޗްގެ ބަހެއް މިއަދު ލިބޭގޮތެއް ނުވިއެވެ.

މުބަރާތުގެ ފައިނަލް މެޗްގައި ހުކުރު ދުވަހު އޭދަފުއްޓާ ގޮއިދޫ ބައްދަލުކުރާއިރު މިދެޓީމަކީވެސް މިމުބާރާތުގައި މިއަހަރު އަލަށް ވާދަކުރި ދެޓީމެވެ. އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ފޯރިގަދަ މެޗްތަކެއް ކުޅެފައިވާ މިދެރަށް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗް ނިމުނީ 2-2ން އެއްވަރުވެގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top