މިއަހަރު ފެހެންދޫ އީދު ހުޅު 50 ފޫޓްމަތީގައި

bbb.jpg

އީދު ފާހަގަކުރުމަށް ރާއްޖޭގެ ރަށެއްގައި ކުރިން ޖެހި އިދު ހުޅެއް / ފޮޓޯ: ފޭސްބުކް

އަންނަ ހުކުރުދުވަހު ފެށޭ އަޟްހާއީދު އަތޮޅުގެ ރަށްރަށުގައި ފާހަގަކުރުމަށް ކޮންމެ ރަށަކުންވެސް ދަނީ އެބަޔަކަށް ކުރެވެންހުރި މޮޅު އަދި އާކަންތައްތަކެއް ކުރަމުންނެވެ.

މިފަހަރު ފެހެންދޫގެ ވާހަކައެވެ. ޒަމާނުއްސުރެ އީދު ފާހަގަކުރުމަށް ދިވެހިން ކޮށްއުޅޭ އެއްކަމަކީ އީދަށް ހަނދުބެލުމާއެކު، ނުވަތަ އީދު ވިލޭރޭ އީދު ބަޑިޖެހުން ނުވަތަ ހުޅުޖެހުމެވެ. އެގޮތުން ބ. އަތޮޅު ފެހެންދޫގައި މިއަހަރު އީދު ހުޅު ޖަހަން ނިންމާފައިވަނީ ފަންސާސްފޫޓް މަތީގައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ފެހެންދޫ އުތުރު ފަރާތު މޫދުގައި ޖަހާ މި ހުޅު ދަނޑި ހެދުމުގެ މަސައްކަތް އެރަށު ޒުވާނުން އިސްކޮށް ތިބެގެން މިހާރު ދަނީ ކުރަމުންނެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް އީވީއަށް ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް ފެހެންދޫގައި އީދު ފާހަގަކުރުމަށް ކުރެވޭ ބޮޑު ހަރަކާތްކަމަށެވެ. އޭނާ ބުނީ އީދު ހުޅު ޖެހުމަށް މިފަހަރު ވިސްނާފައިވަނީ ފަންސާސްފޫޓް އުސްމިނުގެ ފަން ޓަވަރެއްގައި ކަމަށާ، މިއީ މިހާބޮޑު ޓަވަރެއް ހަދާ ފުރަތަމަ ފަހަރު ކަމަށެވެ.

“ފަންސާސް ނުވަތަ ފަސްދޮޅަހަކަށްފޫޓް އުސްމިނުގެ ހުޅެއް މިފަހަރު ފެންނާނީ. އީދު ފެށުމަށް މިރަށުގައި ކޮންމެ އަހަރަކުވެސް ހުޅުޖެހުމަކީ ވަރަށް ހާއްސަކަމެއް. އެހެންވީމާ ޒުވާނުންނާ، ރަށުގެ ހުރިހާ އެންމެ މިކަމާ އުޅޭނެ މިދެދުވަހު ވަރަށްފޯރީގައި. މާދަމާ ރޭ އީދު ހުޅުޖަހާނީ” މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެރަށުގައި އޮންނަ ކުޅިވަރުތަކުގެ ތެރޭގައި ބޮޑުމަސް ބޭނުމާ، ކޯޑިޖެހުން ފާހަގަ ކޮށްލެވޭކަމަށެވެ. އަދި ފުޓްބޯޅައާއި، ވޮލީ އަދި ތިންމުގޯލި ކަހަލަ ކުޅިވަރުތައް އޮންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަތްދިހަވަރަކަށް މީހުން ދިރިއުޅެމުން އަންނަ ފެހެންދޫއަށް މިއަހަރުގެ އީދުގައި ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާނެކަމަށް އެރަށު ކައުންސިލުން ލަފާކުރެއެވެ. ކައުންސިލުން ބުނީ އީދު ތެރޭގައި އެރަށުގެ ގެސްޓްހައުސްތައްވެސް ފުލްވާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top