ޑރ.އަހުމަދު އަންވަރު އަށް އޮނަރަރީ ޑޮކްޓްރޭޓް ޑިގްރީއެއް އަރުވައިފި

medium_55064.jpg

އޭދަފުށީ ރައްޔިތުންނާ ގާތް ގުޅުމެއް އޮންނަ އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްކަމުގައި ހުންނަވައިގެން އެ ސްކޫލަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ.އަހްމަދު އަންވަރު އަށް މެލޭޝިޔާގެ އޯޕަން ޔުނިވާރސިޓީގެ ފަރާތުން އޮނަރަރީ ޑޮކްޓްރޭޓް ޑިގްރީއެއް އަރުވައިފިއެވެ.

އޮނަރަރީ ޑިގްރީއަކީ، އެކި ދާއިރާތަކަށް ނުވަތަ މުޖުތަމަޢަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް، ޔުނިވާސިޓީ ނުވަތަ ކޮލެޖަކުން އަރުވާ ރަމްޒީ، ޝަރަފުގެ ޑިގްރީއެކެވެ.

މެލޭޝިޔާގެ އޯޕަން ޔުނިވާރސިޓީގެ 19 ވަނަ ކޮންވޮކޭޝަން ރަސްމިއްޔާތުގައި ޑރ. އަހުމަދު އަންވަރަށް އޮނަރަރީ ޑޮކްޓަރ އޮފް އެޑިއުކޭޝަން އަރުވާފައިވަނީ ރާއްޖޭގެ ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ޑރ.އަހްމަދު އަންވަރު 35 އަހަރު ސަރުކާރަށް ޚިދުމަތްކުރެއްވުމަށްފަހު މިހާރު ހުންނެވީ އަދާކުރައްވަމުން ވިލާ ކޮލެޖްގެ ރެކްޓަރކަމުގެ މަގާމުގައެވެ.

ޑރ.އަންވަރު އުފަންވީ 1954 ވަނަ އަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހު އައްޑޫ އަތޮޅު މީދޫގައެވެ. މީދޫ ސްކޫލުން ޕްރައިމަރީ ތައުލީމް ހާސިލްކުރެއްވުމަށްފަހު ސެކަންޑްރީ ތައުލީމް ހާސިލްކުރެއްވާފައިވަނީ މާލޭގައެވެ.

އެއައްފަހު މައިސޫރުގައި ހުންނަ ރީޖަނަލް ކޮލެޖް އޮފް އެޑިއުކޭޝަން އިން ޕްރައިމަރީ ޓީޗަރ ޓްރެއިނިން ސެޓްފިކެޓް ހާސިލްކުރެއްވިއެވެ.

ޑރ.އަންވަރު ވަނީ ޔުނިވާރސިޓީ އޮފް ބްރިސްޓޮލް އިން އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިއުކޭޝަން ހާސިލްކުރައްވުމަށްފަހު 1991 ވަނަ އަހަރު މާސްޓަރ އޮފް އެޑިއުކޭޝަން ހޯއްދަވާފައެވެ. ތައުލީމީ ދާއިރާއިން ޑރ. އަންވަރު ޕީއެޗްޑީ ހައްދަވައި، ޑޮކްޓަރޭޓް ހާސިލުކުރެއްވީ 2008 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބްރިސްޓަލްއިންނެވެ.

ޑރ.އަންވަރުގެ ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރައްވފައިވަނީ ހަމަ އެކަނި ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވުގައެއް ނޫނެވެ. އޭނާ ވަނީ އެސްޓީއޯގެ އިތުރުން ށ. އަތޮޅުގެ އަތޮޅުވެރިކަމާއި ރައްޔިތުންގެ މަޖިލީހުގައި ފ. އަތޮޅު ތަމްސީލުކުރައްވާ މެމްބަރުކަން ވެސް ކުރައްވާފައެވެ. އަދި  މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ )ގެ ވެރިއެއްގެ ގޮތުގައި ހުންނަވައި، މަތީ ތައުލީމު ރެގިއުލޭޓު ކުރުމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމުގައި ވެސް ބޮޑު ދައުރެއް އަދާކުރައްވާފައެވެ.

ޑރ. އަންވަރުގެ މި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2011 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

ޑރ. އަހްމަދު އަންވަރުގެ މި މަތިވެރި ކާމިޔާބަށް އޭދަފުށީ ވޮއިސްގެ ފަރާތުން  ތަހުނިޔާއާއި މަރުހަބާ ދަންނަވަމުއެވެ.

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު