ޖޭޕީ މޯގަން ގެ އިންޒާރު: ރިޒާވް ހުސްވެ، ދަރަނި ނުދެއްކިދާނެ. އަމީރު ވިދާޅުވީ އެހެން ނުވާނެކަމަށް

large_165346255031OMXi.jpg

ޖޭޕީ މޯގަން ސިންގަޕޫރު އޮފީހުގެ ލޮބީ --- ފޮޓޯ/ ޖޭޕީ މޯގަން

މިހާރު ވެސް ބޮޑެތި ދަރަނިތަކެއް ދައްކަން އޮތް ރާއްޖެއަށް އަންނަ އަހަރު ނިމޭ އިރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކުމުގެ އިންޒާރު ދުނިޔޭގެ މަޝްހޫރު އިންވެސްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ބުނެފި އެވެ.

ޖޭޕީ މޯގަން އިން މިކަން ހާމަކުރީ ރަޝިއާ- ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަރާނެ ލޮޅުންތައް ދިރާސާ ކުރުމަށްފަހު އާއްމުކުރި ރިޕޯޓެއްގައެވެ.

ރިޕޯޓްގައި ވާގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތައް ނަގާފައިވާ ގައުމުތަކުގެ ގާތްގަނޑަކަށް 10 ޕަސެންޓް ގައުމުތަކަށް ދަރަނީގެ މައްސަލަތައް މި އަހަރުގެ ތެރޭގައި ކުރިމަތިވާނެ އެވެ.

އެ ބޭންކުން ދިރާސާކުރި 52 ގައުމުގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ ގައުމުތަކުގެ ދަރަނި އަނބުރާ ދެއްކުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެތެރެއިން ވެސް އަންނަ އަހަރުގެ ނިޔަލަށް ރިޒާވް އެއްކޮށް ހުސްވެ، ޑިފޯލްޓް ވާނެ ކަމުގެ ބިރު އޮތް އަށް ގައުމެއް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި އެންމެ ކުރީގައި އޮތީ މިހާރު ވެސް މާލީ ބޮޑު އަނދަވަޅެއްގެ ތެރއަށް ވެއްޓިފައި އޮތް ސްރީ ލަންކާ އެވެ. ދެވަނައިގައި އޮތީ ދިވެހިރާއްޖެ އެވެ. ލިސްޓްގައި ދެން ހިމެނެނީ ބަހާމާސް އާއި ބެލީޒް އާއި ސެނެގާލާއި ރުވާންޑާ އާއި ގްރެނާޑާ އަދި އިތޮއޯޕިއާ އެވެ.

މިވާހަކަ މިއަދު މީޑިއާގައި ހޫނުކަމާއެކު ފެތުރެމުން ދަނިކޮށް ފިނޭންސް މިނިސްޓްރީން ވަނީ ނޫސްވެރިިންނާ ބައްދަލު ކުރައްވައި ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ދެއްވާފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި އަނބުރާ ދެއްކުމުގައި ދަތިކަމެއް ނެތްކަމަށާއި، އިގްތިސާދު ޑިފޯލްޓް ވުމުގެ ބިރެއް ވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް އިގްތިސާދީގޮތުން ރިސްކުތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

“ރާއްޖެއަށް އަދި ޑެބްޓް ސާވިސިން ގެ އެއްވެސް ރިސްކެއް ނެތް. އަޅުގަނޑު މެންނަށް އެންމެ ބޮޑު ރިސްކެއް އޮތީ މިދިޔަ އަހަރު އެއީ މި އަހަރު ޖޫން މަހުގައި ދައްކަންޖެހޭ 250 މިލިއަން ރުފިޔާގެ ބޮންޑުން”

އަމީރު ވިދާޅުވީ މިހާރު އޭގެ 192 މިލިއަން ޑޮލަރު ދައްކާފައި ވާނެ ކަމަށެވެ.

“ކުރިއަށް އޮތް ތަނުގައި، މީޑިއަމް ޓާމްގައި އެންމެ ބޮޑު ދަރަންޏެއް ދައްކަން މި ޖެހެނީ 2026ވަނަ އަހަރު އެއީ މިހާރު އަޅުގަނޑުމެން ނަގާފައި ހުރި ދަރަނިތަކަށް ބަލާއިރު. އެހެންވީމަ މީޑިއަމް ޓާމްގައި ރާއްޖޭގެ ދަރަނި ސާވިސް ނުކުރެވޭނެ ކަމުގެ އެއްވެސް ރިސްކެއް ނެތް” މިނިސްތަރު ވިދާޅުވިއެވެ. ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަނީގެ އަދަދު 94 ބިލިއަން ރުފިޔާއަށް އަރައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން މާޗް މަސް ނިމުނު އިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަކީ 865.2 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ހާލަތަކާ މެދު ވޯލްޑް ބޭންކުން ވެސް މިދިޔަ މަހު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެކަމަކު ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ ރާއްޖެ އޮތީ ދަރަނިތައް ދެއްކޭ ފަދަ ހާލަތެއްގައި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top