ކޮޕީ ރަޝީދު އަވަހާރަވެއްޖެ

b_F3hFZ3elmWVh25EWGmgIrzLsN.jpg

ކޮޕީ މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު)--

އޭދަފުއްޓަށާއި ބ އަތޮޅަށް އަދި ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި މއ. ކޮޕީގޭ މުހައްމަދު ރަޝީދު ރޭ އަވަހާރަވެއްޖެ އެވެ.

ކޮޕީ ރަޝީދު އަވަހާރަވީ ސިކުނޑިއަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ރޭގައެވެ. އަވަހާރަވިއިރު އުމުރަކީ 72 އަހަރެވެ.

އޭދަފުށީ ރައްޔިތުންނަށް މަރުހޫމް ކޮޕީ ރަޝީދު އެންމެ ކައިރިން ފާހަގަކޮށްލެވެނީ މާލޭގެ އޯޑިއޯން ސިނަމާ ގައި 90ގެ އަހަރުތަކުގެ ކުރީކޮޅުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން ގެނެސްދިން ތަމްސީލު ޝޯ ”އަލިވިލުން“ ގެ ކުޅަދާނަ ޕްރޮޑިއުސަރުގެ ގޮތުންނެވެ. ފަސް ރޭވަންދެން އޯޑިއޯންގައި ގެނެސްދިންވުމުގައި ކޮޕީގެ ހިއްސާ ވަރަށްބޮޑެވެ. މީގެ އިތުރުން އޭދަފުށީގައި ފާހަގަކުރި އެކި މުނާސަބަތުތަކުގައި އެކި ނަންނަމުގައި ގެނެސްދިން ތަމްސިލު ޝޯތަކުގެ މޮޅުކަމުގެ ވާހަކަ މިއަދުވެސް ދައްކަމުން ދާއިރު އެޝޯތައް ވެސް ޕްރޮޑިއުސް ކޮށްފައިވަނީ ކޮޕީ ރަޝީދެވެ.

މީގެ އިތުރުން ބ އަތޮޅުގެ އަތޮޅުވެރިކަމުގެ މަގާމުގައި ހުންނަވައިގެންްވެސް އޭނާވަނީ ގިނަ ހިދުމަަތް ތަކެއް ކުރައްވާފައެވެ.

ކޮޕީ ރަޝީދަކީ ދިވެހި އަދަބިއްޔާތުގެ ވެސް އުސްތާޒެކެވެ. އޭނާގެ އުމުރުން އެންމެ 18 އަހަރުގައި މި ދާއިރާއަށް ވެންނެވުމަށް ފަހު އެންމެ ފަހު ވަގުތާ ހަމައަށް ދަންދެންވެސް ގަލަމުގެ ދޯރި ޖައްސަވާފައެއް ނުވެއެވެ. މިރޮނގުން އޭނާ ކުރެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، މިދިޔަ އަހަރު ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާފައެވެ. އަދި ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު ކޮޕީ ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ކޮޕީ ރަޝީދު ވަނީ 32 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވައިފައެވެ.އެގޮތުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރުކަމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަރުކަމާއި އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ކަމާއި ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވިއެވެ.

ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކަށްވެސް ކޮޕީ ވަނީ ފާހަގަކުރެވޭ އަދަބީ އަދި ގައުމީ އަގުހުރި ލިއުންތަކެއް ލިއުއްވާފަ އެވެ. ދުވަހު ނޫސް ސަންލައިޓް، މޫންލައިޓް، ހަވީރު، އާފަތިސް އަދި ފަތްތޫރައިގައި ޝާއިއުކުރައްވައިފައިވާ އަދަބީ ލިޔުއްވުންތަކާއި ޅެންތައް ފާހަގަކޮށްލެވެއެވެ.

ކޮޕީރަޝީދަކީ މޮޅު ފިލްމީ ޕްރޮރިޑިއުސަރު/ޑިރެކްޓަރެކެވެ. މުމައްސިލެކެވެ. އަދީބެކެވެ. ދިވެހި އަދަބިއްޔާތުގެ މޮޅު އުސްތާޒެކެވެ. އެހާމެ މޮޅު ޅެންވެރި އެކެވެ. ތާނަ ލިޔުއްވުމުގައި އޭނާއާ ވާދަކުރެވޭނެ ދެވަނަ މީހަކު އަދި އުފެދިފައިނުވާ ކަމަށް ބުނަން ކެރޭވަރުގެ އެހާމެ ރީތިކޮށް ބޮޑުއަކުރު އެޅުއްވުމުގެ އެދުރެކެވެ. އަދިވެސް އެތައް ފަންނެއްގެ ދެވަނައެއް ނެތް މިސާލެކެވެ.

ކޮޕީ ރަޝީދުގެ ޚިދުމަތްތަކުގެ ހަނދާންތައް އާކުރެވޭ ހިނދު ފަހު ބަހެއްގެ ގޮތުން އަޅުގަނޑުވެސް ދަންނަވާހިތް އޮތީ ދިވެހި ބަހުގެ މިޒަމާނުގެ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަޝްރަފް އަލީ ވިދާޅުވެފައިވާ ރީތި ބަސް ކޮޅެކެވެ.

””އެއީ ކުޅަދާނަ މުމައްސިލެކެވެ. ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. ދެވަނައެއް ފަދަ ލިޔުންތެރިއެކެވެ. ކޮންމެ ނަޒަރަކަށް އެންމެ ނަލަ ގޮތަށް ޅެމާއި ލަވަޔާއި ވާހަކަޅެމާއި ތަމްސީލު ޅެމާއި މުނާސަބީ ޅެމާއި ލަވައާއި ބަނދި ފަދަ ވަޒަންބަހުރުވައިގެ ބާވަތްތަކުން އަދަބީ ޗަމަން ފަރިކުރެއްވި ޝަރަފްވެރި ޅެންވެރިއެކެވެ. އެ އަތްޕުޅަކުން އަރަބިތާނަ އެފަދަ ދެވަނައެއް ނެތް ހައި ނަލަކޮށް ރީތިކޮށް ބޮޑުއަކުރު އަޅުވާ ކުޅަދާނަ “ކެލިގްރަފަރެކެވެ”. ސަމާސާ އަދަބުގެ ތަމްސީލާއި ހެއްވާ މަޖާ ތަމްސީލު ލިޔުއްވި ލާމަސީލު ބޭފުޅެކެވެ. ތަމްސީލާއި ފިލްމާއި ޑުރާމާ ކުޅުއްވި ކުޅަދާނަ މުމައްސިލެކެވެ. ލޮބުވެތި ކޮޕީއެވެ! ތިބާގެ ތާރަފަކަށް ނުފެތޭ އެއްޗެއް ނެތެވެ. ތިބާގެ ޒިކުރާގެ މޯހިރުން ނުވިދާ އެންމެ ފަންނެއް ވެސް ނެތެވެ. ދެފުށު ހުނަރުން ކަޅިވެފައިވާ ހުނަރުވެރިއެކެވެ. އާދޭހެވެ! ކޮޕީއަކީ ދިވެހި އަދަބިއްޔާތަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގެއްލުނު “އަޞްލެކެވެ.” ކޮޕީއެއް ނޫނެވެ.”

މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އެވެ!

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު