ރީތިބެ ރަހުމާނު ނިޔާވެއްޖެ

DSCN2839.jpg

. އަލްމަރުހޫމް އަބްދުއްރަހްމާން ހަސަން ކަނާތް ފަރާތުގައި

އޭދަފުއްޓަށް ފަސްދޮޅަހަށް ވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައިވާ ބ.އޭދަފުށީ “މާފަރު” އަބްދުއްރަޙްމާން ހަސަން (ރީތިބެ ރަހުމާނު ) ރޭ މެންދަމުން އަލިވެ 2 ޖަހާކަށްހާއިރު ނިޔާވެއްޖެއެވެ. ރަހުމާން ނިޔާވެފައިވަނީ މުސްކުޅި ބަލީގައި ގިނަދުވަސްތަކަކު އުޅުއްވުމަށްފަހު ރޭ 7ޖެހިއިރު ކުއްލިއަކަށް ހާލު ބޮޑުވެގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް އާއިލާ އިން މައުލޫމާތު ދެއެވެ. ނިޔާވިއިރު އުމުރަކީ 82 އަހަރެވެ.

ރަހުމާނު އޭދަފުއްޓަށް ޚިދުމަތް ކުރައްވަން ފަށާފައިވަނީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ރަށު އޮފީސްތައް އުފެދުމުގެ ކުރިން ރަށު އޮފީހުގެ ގޮތުގައި ހިންގަމުން ގެންދިޔަ ކާޑުގޭގައެވެ. ވަޒީފާއަކީ ރައްޔިތުންގެ ކާޑުގެއަށް ގެންނަ މަސް އަވީލުމެވެ. މުސާރައަކީ މަހަކު ކާށި ކިބައަކާއި މަސްގަނޑެކެވެ. އެވަޒީފާގައި ތިން އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު މުސާރައިގެ ކުރިއެރުމާއެކު މަހަކު 5 ރ.އަށް މުސާރަ ބަދަލުވިއެވެ.

އޭނާ އަދާކުރެއްވި ވަޒީފާ ތަކުގެ ތެރޭގައި، ރައްޔިތުންގެ ކާޑުގެ (ރޯޝަނީ ސްޓޯރު) ބެލެހެއްޓުމާއި ފެންފޯއް ދަނޑަށް (ބ.އަތޮޅު ހޮސްޕިޓަލް ހުރި ސަރަހައްދު) ފެންދީ ބެލެހެއްޓުމާއި ގަބުރުސްތާނު ވިނަނޮޅާ ސާފުކުރުމާއި ދާރުއްތަލަބާ (އޭދަފުއްޓަށް ތައުލީމު ހޯދަން އަންނަ ކުދިން ތިބޭ ދަނާލު) ގައި އެކުދިން ބެލެހެއްޓުމާއި މަދްރަސަތުލް ބަހިއްޔާގެ މަސައްކަތު މީހެއްގެ ވަޒީފާއާއި އަތިރިމަތި ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން މުދިމަކު ނެތްނަމަ ބަންގި ގޮވުމާއި ހުކުރަށް ގޮވުމާއި މަސްވެރިން ބާނައިގެން ގެންނަ މަސް ގުނުމަކީވެސް ވަޒީފާގެ ހައިސިއްޔަތުން ކުރެއްވަމުން ގެންދެވި ކަންތައްތަކެކެވެ. ރަށު ކޯޓާއި އަތޮޅު ކޯޓުގެ ދުވަސްވަރު ކޯޓުގެ ހުކުމާ އެއްގޮތަށް ދުއްރައިން ތެޅުމަކީވެސް ރަހުމާނު ކުރަމުން އައި ކަމެކެވެ.

ރައްޔިތުންނަށް ރަހުމާނު އެންމެ ބޮޑަށް ފާހަގަ ކުރެވެމުން އައީ ކުއްލި ހާލަތްތަކުގައާއި އަވަސް ޚަބަރެއްގެ ގޮތުގައި ރައްޔިތުންނަށް އަންގަންޖެހޭ އެންގުން އިއުލާނުކުރާ މީހެއްގެ ގޮތުންނެވެ. މެގަފޯނެއް ނެތް ޒަމާނެއްގައި އޭނާގެ ވަރުގަދަ އަޑުން މުޅި ރަށުގައި ގޮވަމުންދާއިރު އެ އަޑު ނީވޭ މީހަކު ހުންނަކަމަކަށް ނުވެއެވެ.

1994ވަނަ އަހަރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން އަބްދުއްރަހްމާނަށް ހަނދާނީ ލިއުން ހަވާލުކޮށްދެއްވަނީ

ރަހުމާނު އޭދަފުށއްޓަށް ކޮށްދެއްވާފައިވާ ޚިދުމަތާއި އޭދަފުށީގެ ތަރައްގީގައި އޭނާގެ ހިއްސާ ބޮޑުކަން ފާހަގަ ކޮށް 1994ވަނަ އަހަރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އިން ވަނީ ހަނދާނީ ފިލައެއް ދީފައެވެ. އޭގެ އިތުރުން ބ.އަތޮޅު ކައުންސިލުގެ ފަރާތުން ބ.އަތޮޅަށް އެކި ދާއިރާތަކުގައި ފާހަގަ ކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވާ ފަރާތްތަކަށް ދެމުން އަންނަ ‘ރަންނާ އެވޯޑު’ (އިޖްތިމާއީ ދާއިރާއިން ހިތްވަރު ދިނުމުގެ) ވެސް އޭނާވަނީ ހާސިލް ކޮށްފައެވެ.

ރަހުމާނު ނިޔާވިއިރު އަނބިކަނބަލާއި 10 ދަރިންނާއި ކާފަދަރިން ދުނިޔޭގައި އެބަތިއްބެވިއެވެ. އާއިލާއަށް ލިބުނު މި ހިތާމަވެރި ދަނޑިވަޅުގައި އޭދަފުށި ވޮއިސް ގެ ފަރާތުން އާއިލާ އަށް ތައުޒިޔާ ދަންނަވަމުއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top