ސަރުކާރުގެ އިދާރާތަކުގެ ނަން ބޯޑުތައް ދިވެހިބަހަށް އިސްކަން ދީގެން ހަރުކުރަން ދިވެހި ބަހުގެ އެކެޑަމީން އަންގައިފި އެވެ.
އެ އެކެޑަމީ އިން ނެރުނު އެންގުމެއްގައި ބުނީ ރާއްޖޭގެ ގައުމީ ބަހަކީ ދިވެހިބަސް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އާއި، ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސް ކަމަށް ވުމާ އެކު، ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުޢާމަލާތުތައް ކުރަންޖެހޭނީ ދިވެހިބަހުން ކަމަށް ރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންވެ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރު ކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެ ކަމަށް އެކަޑެމީން ބުންޏެވެ.
އެތަނުން ބުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުންނަށް ފެންނަ ގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ އެގޮތަށް އަމަލުކުރުމަކީ ލާޒިމުކަމެއް ކަމަށެވެ.
ނަމަވެސް މިއާ ޚިލާފަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްް ބަހުގެ އެކެޑަމީން ބުންޏެވެ.





