ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މީޑިއާތަކުގައި ހަގީގަތާ ޚިލާފު ދޮގުވާހަކަ ނުފެތުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެދިވަޑައިގެންފި އެވެ.
މިނިސްޓަރު އަމީން ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ރާވާފައިވާ ޕްލޭނަކީ، އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންގެ ތަޖުރިބާއާއި އެއާޕޯޓު ހިންގުމުގެ ފެންވަރު ރަނގަޅުކުރުން ކަމަށް އަމީން ވިދާޅުވިއެވެ.
”އެހެންކަމުން ރަންވޭ ބޮޑުކުރަން މަސައްކަތް ފަށާފައިވާކަމަށް ނުވަތް އެފަދަ ކަމަކަށް ހުއްދަ ދީފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ވާހަކަ ތަކެއް“ މިނިސްތަރު އަމީން ވިދާޅުވި އެވެ.
އާންމުންގެ މެދުގައި އޮޅުން ބޮޅުން އުފެދިދާނެ ފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގެ ބަދަލުގައި، ސަރުކާރުގެ ރަސްމީ އިދާރާތަކުން މައުލޫމާތު ސާފުކުރުމަށް މީޑިއާތަކަށާއި އާންމުންނަށް މިނިސްޓްރީން އިލްތިމާސްކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ދެފުށް ފެންނަ ގޮތެއްގައި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވަނީ އެކަމާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ނެރޭ ރަސްމީ ބަޔާންތަކަށް ބަރޯސާވުމަށް އެދިވަޑައިގެންފައެވެ.
ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ބާރު ބޮޑު އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފްލައިޓްތައް ޖައްސާ އެއާޕޯޓެވެ. ނަމަވެސް އެ އެއާޕޯޓަށް 12 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މާބޮޑު ތަރައްގީއެއް ނައިސް އޮތުމަކީ އެ ރަށު ރައްޔިތުންނާއި ކައިރި ރަށްރަށުގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ.
ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގައި މިހާތަނަށް އަޅާފައިވާ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ކުޑަ އެއް އެއާޕޯޓް ކަމަށް ވިޔަސް އެންމެ ގިނަ އަދަދަކަށް މީހުން އަރާ އެއް އެއާޕޯޓަކީ އެ އެއާޕޯޓެވެ.
ދަރަވަންދޫ އެއާޕޯޓް ހިންގުން ހަވާލުކޮށްފައި ވަނީ ކޯސްޓް ލައިންއާއެވެ. ކޯސްޓްލައިނުން އެއާޕޯޓް ހިންގާތާ މިހާ ގިނަ ދުވަސް ވީއިރު ވެސް އެއާޕޯޓްގެ ތަރައްގީއަށް އެއްވެސް ކަމެއްކޮށްފައިނުވާ ކަމީ ފެންނަން އޮތް ހަގީގަތެވެ.
”ކޯސްޓްލައިންގެ ހަވާލުގަ އެއާޕޯޓް އޮތް ކަމުގައި ވީ ނަމަވެސް އެ ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް ނުކުރާ ކަމަށް ވާނަމަ މޮނީޓާ ކޮށްފަ އެ އަޅަން ޖެހޭ ފިޔަވަޅެއް އަޅަން އެބަޖެހޭ. އެފަރާތުން އެއާޕޯޓް އަތުލަން ޖެހިއްޖެނަމަ އަތުލައިގެން ވިޔަސް އެއާޕޯޓް ތަރައްގީ ކުރަން އެބަޖެހޭ. އަޅުގަނޑު ސަރުކާރަށް ގޮވާލަން އަޅުގަނޑުމެންގެ މި ކަންބޮޑުވުން އަޑު އައްސަވާށޭ،“ ދަރަވަންދޫ ކައުންސިލުގެ ރައީސް ސަމީހު ކުރިން ވިދާޅުވެފައިވެއެވެ.






