ދިވެހި ދައުލަތުގެ ދަރަނި، 172 ބިލިޔަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅި ދައުލަތުގެ ދަރަނީގެ ރިޕޯޓުގައި ހިމެނޭ މައުލުމާތުތައް ހާމަކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ހިސާބުތަކަކީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދަރަނި ތަކަކީ ގާނޫނާ އެއްގޮތަށް ކުރިއަށް ގޮސްފައިވާ ކަންތައްތަކެއްތޯ ބެލުމަށް ކުރިއަށްގެންދިޔަ މަސައްކަތުން ލިބިފައިވާ މައުލޫމާތު ކަމަށެވެ.
ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ހޯދާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ދައުލަތުގެ ދަަރަނީގެ ތެރެއިން ބޮޑު އިންސައްތައެއް ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތަކާއި ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލްއާއި ބޮންޑެވެ.
ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށްފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް މިއަދުވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އަދި އެރިޕޯޓް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ މުޅި މަޖިލިސް ކޮމިޓީއަށް ހުށަހަޅުއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާފައެވެ.
2012އިން 2018އަށް ނަގާފައިވާ ދަރަނީގެ ތަފްސީލް
• ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަނި: 13،079،356.45
• ބައިނަލް އަޤުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި: 12،943،170،194.76
• ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީގެ ދަރަނި: 41،100،330،594.52
• ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރިބިލްތައް: 5،418،217،200.28
• ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާރޑްރާފްޓްގެ އަދަދު: 78،759،180.74
• އެމްއެމްއޭއިން ނަގާފައިވާ ލޯނާއި، ގަނެފައިވާ ބޮންޑާއި، އަދި ޓްރެޝަރީ ބިލް: 7،410،091،183.32
• ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ-ބިލް އަދި ބޮންޑް: 91،989،000،000.00