ކުނި މެނޭޖް ކުރުމަށް ގްރީން ފަންޑުން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ

DSCN3579.jpg

އޭދަފުށީގެ ކުނިގޮނޑު - އީވީ ފޮޓޯ

ރަށްރަށުގައި އުފެދޭ ކުނި، މެނޭޖް ކުރުމަށް ގްރީން ފަންޑުން އަންނަ އަހަރުން ފެށިގެން ކައުންސިލު ތަކަށް ފައިސާ ދޫކުރަން ނިންމައިފި އެވެ.

މިހާރު ހިނގަމުން ދާ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، އާމިނަތު ޝައުނާ ވިދާޅުވީ، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ބަޖެޓެއް ދޭން އަންނަ އަހަރު ފަށާނެކަމަށެވެ.

ހަމަ މިއާއެކު ގޭބިސީތަކުން ކުނި ނެގުމަށް ބޭނުންވާ އުޅަނދުތަކާއި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ކައުންސިލްގެ ބެލުމުގެ ދަށުން ހަމަޖެއްސުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ގްރީން ޓެކްސް ނަގަން ފެށީ، 2016 ވަނަ އަހަރު އެވެ. ގްރީންފަންޑުން ހަރަދު ކުރަނީ ތިމާވެށި ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއު ތަކަށެވެ.

އެގޮތުން ފެނާއި ނަރުދަމާ ގާއިމު ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ވޭސްޓް މެނޭޖުމަންޓުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގައެވެ.

ގްރީން ޓެކްސް ނަގަން ފެށީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. މި ފަންޑަށް ޖަމާވި ފައިސާގެ އަދަދު މިހާތަނަށް ތިން ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. ނަމަވެސް މި ފައިސާ ހޭދަ ކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތުމުން ތިމާވެށީގެ މައްސަލަތައް ހައްލު ކުރަން މި ފައިސާ ރަނގަަޅަށް ހޭދަ ކުރަމުން ގެންގޮސްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ ގްރީންޓެކްސްގެ ގޮތުގައި ނަގާ މިންވަރު އިތުރުކުރުމަށް ނިންމާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top