ރިޕޯޓު: ތައުލީމީ ދާއިރާގެ ކަޅު ސަފްހާ – ފެންނަން އޮތީ ތަފާތުކުރުން!

education-discrimination.jpg

(ޕްލަސް.އެމްވީ ގެ ކޮޕީއެއް )

މާޒީއަށް ބަލާއިރު މާލެއަކީ ވެރިކަން ކުރާ ރަށަށްވުމުން ވަކި ބަޔަކަށް ހާއްސަވިތަނެކެވެ. މާލެއަށް އެރުމަށް ކުޑަ ސިޓީއެއް ބޭނުންވި ޒަމާނެއް ވެސް ދިޔައެވެ. އޭރު ރާއްޖެތެރޭގެ ރަށެއްގެ މީހަކަށް މާލެ އާދެވެނީ މާލޭގެ ރައްޔިތުން އެކަމަށް ހުއްދަ ދިނުމުންނެވެ.

މާލެއިން ބޭސްފަރުވާއަށާއި ތައުލީމު އުނގެނުމުގެ ނަސީބު ވެސް ލިބެނީ މާލޭގެ ރަށްވެހިން ބޭނުން ބަޔަކަށެވެ. ކުޑަ ސިޓީ އުވި މާލެ ހުޅުވާލެވި، ޒަމާނަށް އައި ބަދަލާ އެކު ވެސް 90ގެ އަހަރުތަކުގެ ފަހުކޮޅާ ޖެހެންދެން ވެސް މި ސަގާފަތުގެ ބައެއް ކަންކަން ދެމިގެން އައެވެ.

މީގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެއްކަމަކީ ތައުލީމު އުނގެނުމަށް އޭރު މާލެ ހިޖުރަކުރި ދަރިވަރުން ދިރިއުޅެން ޖެހުނު ހާލެވެ. އޭރު އެ ފުރުސަތު ލިބެނީ މާލޭ މީހެއްގެ ރައްޓެއްސެއްގެ ދަރިއަކަށް ނޫނީ ގޭގެ މަސައްކަތްކުރަން ގެންގުޅެން ގެންނަ ކުއްޖަކަށެވެ. އެފަދަ ގިނަ ކުދިންނަށް ވެސް ގޭގޭގައި ގުލާނުކޮށްފައި ކިޔަވާނެ މާ ބޮޑު ފުރުސަތެއް ނުލިބެއެވެ. އެފަދަ ދަރިވަރުންނަށް ވެސް މާލޭގެ ރަށްވެހިންގެ ސްކޫލްތަކާ ވައި އެޅުމަކީ ވެސް ދުރުކަމެކެވެ.

ސަރުކާރު ސުކޫލުތައް ރާއްޖެތެރޭ ދަރިވަރުންނަށް ބަންދުކުރުން

މާލޭގައި ހިންގާ ސަރުކާރު ސްކޫލްތަކުން ރަށްރަށުގެ ދަރިވަރުންނަށް ޖާގައެއް ނުދެއެވެ. ފަހުން ޖާގަ ދޭން ފެށީ ވެސް ވަރަށް ވަރުގަދަ ޓެސްޓެއް ދީ އަދި މަދު ޖާގައެކެވެ.

ރަށްރަށުން އަންނަ ދަރިވަރުންނަށް ހާއްސަކޮށް މާލޭގައި މަދު ސްކޫލްތަކެއް އޭރު ހުއްޓެވެ. އޭގެ ތެރޭގައި 1968ގައި ހުޅުވި އިންގްލިޝް ޕްރައިމަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސް) ސްކޫލް ހިމެނެއެވެ. އަދި މާލޭ އިނގްލިޝް ސްކޫލާއި މަދަރުސަތުލް އާލިޔާ ސްކޫލް އަދި ފަހުން މާލޭގެ އަވަށު ސްކޫލްތައް ވެސް ހާއްސަވީ ރަށްރަށުން މާލެ އަށް އަންނަ ދަރިވަރުންނަށެވެ.

އޭގެ އިތުރުން އެ ސްކޫލްތަކުގައި ތިބެނީ ސަރުކާރު ސްކޫލްތަކުގައި ރިޕީޓް ވެގެންނާއި އަހްލާގު ގޯސްވެގެން ވަކިކުރާ ދަރިވަރުންނެވެ.

އީޕީއެސް އާއި އެމްއީއެސްގެ ޒަމާން ނިމުމަކަށް އައީ 2008 ވަނަ އަހަރުގެ ފަހުންނެވެ. އެހާތަނާ ޖެހެންދެން ވެސް މާލޭގައި ސަރުކާރުން ހިންގާ ސްކޫލްތަކުން ރަށްރަށުގެ ދަރިވަނުންނަށް ޖާގަ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. މި ތަފާތުކުރުމަށް ކުޑަ ވެސް ބަދަލެއް އައީ ޑިމޮކްރަސީގެ އަޑު ގަދަވެ، ހައްގުތަކުގެ ވާހަކަތައް ދެކެވެން ފެށި ހިސާބުންނެވެ.

އަދި ވެރިކަމުގެ ނިޒާމަށް ބަދަލުވެ ކޮންމެ ތަނަކަށް އުފަންވި ނަމަވެސް ތައުލީމު ހާސިލްކުރުމުގެ ހައްގާއި ބޭސްފަރުވާ އާއި ބޯހިޔާވަހިކަމާއި އެ ނޫން ވެސް އަސާސީ ހައްގުތަކުގެ ވާހަކަތައް ގާނޫނުއަސާސީގައި ލިޔެވިގެން ދިޔައިރު ވެސް މާލެ އާއި ރާއްޖެތެރޭގެ ތަފާތުކުރުންތައް ދެމިގެން އައިސްފައި ވެއެވެ.

އީޕީއެސް ފަދަ ސުކޫލުތައް އުވިގެން ދިޔަސް ތަފާތުކުރުންތައް އަދިވެސް އެބައޮތް

ބޯހިޔާވަހިކަމާ ގުޅުވައިގެން މިއަދު މާލެ އާއި ރާއްޖެތެރޭ މީހުންގެ ތަފާތުކުރުމުގެ ވާހަކަ ދެކެވޭ އިރު ތައުލީމީ ތާރީހުގެ ސަފުހާތަކުގައި ވެސް ފެންނަން އޮތީ އެ ތަފާތުކުރުމެވެ. އެ ތަފާތުކުރުން އުވިގެން ދިޔަތާ އަދި 10 ވަރަކަށް އަހަރު ވެސް ނުވެއެވެ. އީޕީއެސް އާއި އެމްއީއެސް އަދި އާލިޔާ ފަދަ ސްކޫލްތައް ހުއްޓުމަކަށް އަންނަންޖެހުނު މައިގަނޑު ސަބަބަކަށްވީ ވެސް ސަރުކާރުގެ ސްކޫލްތަކުން ރަށްރަށުގެ ދަރިވަރުންނަށް ފަސޭހައިން ޖާގަ ލިބެން ފެށުމުން އަމިއްލަ ސްކޫލްތަކަށް ވަންނަ ދަރިވަރުންގެ އަދަދު މަދުވުމެވެ.

ނަތީޖާއަކަށްވީ އެ ސްކޫލްތަކުގެ މޮޑެލް މުޅިން ބަދަލުކުރަންޖެހުމެވެ. އެ ގޮތުން އެ ސްކޫލްތައް ބަދަލުވެގެން ދިޔައީ އިންޓަނޭޝަނަލް ސްކޫލްތަކަށެވެ. މިއަދުގެ ހާލަތަށް ބަލާއިރު މީގެ ކުރިން ރާއްޖެތެރޭ ކުދިންގެ ސްކޫލްތައް މިއަދު ވަނީ އުވި ގޮސްފައެވެ. މިހާރު އަމިއްލަ ސްކޫލްތަކަކީ ސަރުކާރު ސްކޫލްތަކަށް ވުރެ ހައިބަތު ބޮޑު ސްކޫލްތަކަށް ވަނީ ވެފައެވެ. އެ ތަންތަން ހާއްސަވެފައި ވަނީ ފުދިގެން އުޅޭ މުއްސަނދިންގެ ދަރިންނަށެވެ. އެ ތަންތަނުގެ ފީ އިންތިހާ އަށް ބޮޑުވެ.

އާ ދިރާސީ އަހަރެއް ފެށިގެންދާއިރު ތައުލީމީ ދާއިރާގެ މާޒީއާ މެދު ފުންކޮށް ވިސްނާލުން މުހިންމެވެ. އެ މާޒީން ފެންނަނީ ތަފާތުކުރުމެވެ. މި ތަފާތުކުރުން އަދިވެސް ކޮންމެ ވެސް މިންވަރަކަށް އެބަ އޮތެވެ. ރަށްރަށުގެ ސްކޫލްތަކަށް އެކަށީގެންވާ މިންވަރަށް ސަރުކާރުން އަޅާނުލާ މައްސަލަ މަދުން ނަމަވެސް ފެންމަތިވެއެވެ.

މާލޭގެ ސްކޫލްތަކުގެ މައްސަލަތަކަށް ސަރުކާރުން ދޭ ސަމާލުކަން ރަށްރަށުގެ ސްކޫލްތަކަށް ނުލިބުމުގެ ޝަކުވާ އަދިވެސް އެބަ އޮތެވެ. ކަންކަން ހައްލުވުމުގައި ނަގާ މުއްދަތު ވެސް ތަފާތެވެ. ނަމަވެސް މިއީ ހައްލުވާންޖެހޭ ކަމެކެވެ. ރަށްރަށާއި މާލެއާ ދެމެދު އޮތް ފަރަގު ތައުލީމީ ދާއިރާ އިން ވެސް ނައްތާލަންޖެހެއެވެ. މާޒީގެ ކަޅު ލައްތައް ފިލައިގެން ނުދިޔަޔަސް މުސްތަގުބަލު އުޖާލާ ކުރެވިދާނެއެވެ.

(ނޯޓު: ޕްލަސް.އެމްވީ އިން ކޮޕީކޮށްފައިވާ ލިއުމެއް)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top