”އިންޑިއާ އައުޓް“ ހަރަކާތް ނުހުއްޓުވޭނެ: ރައީސް ޔާމީން

big_WLgjDCiniZ1aw1tI6i0GuadmP.jpg

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެފައި ތިބޭ ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވަން ސަރުކާރުން އުޅެނީ ދުނިޔެއަށް އެކަން ފޮރުވަން ކަމަށާއި އެކަމަކު އެކަން ނުހުއްޓުވޭނޭ ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި އިންޑިއާ އިން ހިންގަމުންދާ ޖަރިމާތައް ދުނިޔޭގެ ސަމާލު ކަމަށް އަތުވެދާނެތީ އެވެ.

ރައީސް ޔާމީންގެ އުފަންދުވަހާއި ގުޅިގެން ގިނަ ބަޔަކު ޕީޕީއެމްއަށް ވަނުމަށް ރޭ އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަންނަ ޖަރީމާތައް ފޮރުވަން އިންޑިއާއިން މަސައްކަތް ކުރި ނަމަވެސް، އެކަން ދުނިޔެއަށް ހާމަކޮށްދެއްވާނެ ކަމަށެވެ. ހަމައެހެންމެ މި ސަރުކާރުން ގާނޫނާ ހިލާފަށް ގަރާރެއް ނެރެގެން އުޅެނީ، މި ޖަރީމާތައް ބޭރު ދުނިޔެއަށް އަޑު އިވިދާނެތީ، އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން އެމނިކުފާނު ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވި ސަބަބާ ބެހޭ ގޮތުން ވެސް ވިދާޅުވީ އެއީ  އިންޑިއާ އައުޓް ހަރަކާތުގެ ވާހަކަ ބޭރު ގައުމުތަކަށް އަޑު އިއްވުން ކަމަށެވެ.

އަދި މިއަދު ސަރުކާރު މިއޮތީ އިންޑިއާ ދަށުވެފައި ކަމަށާއި ނަމަވެސް ހުރިހާ ދިވެހިން އިންޑިއާ ދަށު ނުވާނެ ކަން އިންޑިއާއިން ވެސް ދަންނަން ވާނެ ކަމަށް ވިދާޅުވިއެވެ.

ރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ޕީޕީއެމްއަށް ވަންނަން އަލަށް ވަނީ ސޮއިކޮށްފައެވެ.

”އިންޑިއާ އައުޓް“ ހަރަކާތް ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދެ ފަހަރަށް ހައްޔަރު ކުރުމުން އެކަމަށް ވެސް ރައީސް ޔާމީން ފާޑު ރައްދު ދެއްވިއެވެ. ވިދާޅުވީ، އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ބަޔަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

”ފުލުހުންގެ އިދާރާއިން މިނެރޭ އިންޓެލިޖެންސް ރިޕޯޓަކީ ހެޔޮނުވާނެ މިއަދު ހަމަ އެކަކުވެސް ގަބޫލެއް ނުކުރާނެ އެއީ އިންޓެލިޖެންސް ރިޕޯޓެއް ކަމަކަށް ގަބޫލެއް ނުކުރާނެ“. ރައީސް ޔާމީން ވިދާޅުވީ އިންޓެލް ރިޕޯޓެއްގެ މައްޗަށް ސިޔާސީ ހައްޔަރީން ބަންދު ކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top