ބީއެމްއެލް އޭދަފުށީ ބްރާންޗް އޭޓީއެމް ތަކުން ހިދުމަތް ނުލިބޭތާ ފަސްދުވަސް. ރައްޔިތުން ރަތަށް!

444-1.jpg

ބީއެމްއެލް އޭަދަފުށީ ބްރާންޗްގައި ބަހައްޓާފައި ހުރި އޭޓީއެމް .

ބޭންކް އޮފް މޯލްޑިވްސް، އޭދަފުށީ ބްރާންޗުގައި ބަހައްޓާފައި ހުންނަ އޭޓީއެމް ދެ މެޝިނުގައި މައްސަލަޖެހި ހިދުމަތް ނުލިބި ގިނަ ދުވަސްތަކެއް ވަމުން ދާތީ، އާންމުންގެ ޝަކުވާތައް ބޮޑުވެއްޖެއެވެ.

އޭދަފުށީ ވޮއިސް އަށް އެނގިފައިވާ ގޮތުގައި އޭދަފުށީގައި ބޭންކް އޮފް މޯލްޑިވްސް އިން އޮޕަރޭޓްކުރާ 2 އޭޓީއެމް މައްސަލަޖެހި ހިދުމަތް މެދުކެނޑުނީ މިދިޔަ ބުދަ ދުވަހު އެވެ. އެދުވަހަށްފަހު އޭޓީއެމްތަކުން ހިދުމަތް މެދުކެނޑިފައިވާތީ އާންމުންގެ ޝަކުވާތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އީވީއާ ވާހަކަ ދެއްކެވި ބ. ދޮންފަނު ރައްޔިތަކު ބުނީ އޭޓީއެމުން ލާރި ނުނެގިގެން ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާ، އެކަން ހައްލުވާނެ ދުވަހެއްވެސް އެނގިވަޑައިގަންނަވާ ބޭފުޅަކު ދިމާނުވި ކަމަށެވެ.

”އަޅުގަނޑުގެ ކޮއްކޮގެ އަންހެނުން ވަރަށް ބޮޑަށް ބަލިވެގެން ކޮންމެހެން ލާރިކޮޅެއް ބޭނުންވެގެން އޭޓީއެމަށް ދިޔައިރު ހަލާކުވެފަހުރީ، އެތަނުގައި ތިބި ކުދިން ގާތު އަހާލީމަ ބުނީ ހެދޭނެ ދުވަހެއް ނޭނގެއޭ. ޗެކް ފޮތެއްވެސް އަޅުގަނޑު ނުގެންގުޅެން. މިހެން މިކަން ވެދާނެކަމަކަށް ނުބަލާނެތާ! ވަރަށްވެސް ދެރަ. މިކަހަލަ ކަންކަން މީހުން ކުރާކަށް ނުވާނެތާ ދޯ“ އޭނާގެ އިހުސާސްތައް ބޭރުކޮށްލި އެވެ.

މިމައްސަލައާއި ގުޅިގެން ވިޔަފާރިވެރިންނަށްވެސް އަންނަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. އީވީއާ މައުލޫމާތު ހިއްސާކުރި ވިޔަފާރިވެރިއަކު ބުނީ މުދާ ގަންނަން ފައިސާ ޖަމާކުރުމުގައިވެސް ދަތިތައް ދިމާވަމުން އަންނަ ކަމަށެވެ.

”އަޅުގަނޑުމެން އެބަ ޖަމާކުރަން އޭޓީއެމުން ދުވާލަކު އެތައް ފައިސާއެއް. މުދާ ގަންނަން ފައިސާ ފޮނުވަން ވަރަށް ދަތިވެފަ މިހުރީ. އަނެއްކޮޅުން 2 އޭޓީއެމްގެ ހިދުމަތް ނުލިބި މިހާ ގިނަދުވަހަށް ދެމިގެން ދިއުމުން އާންމުންނަށްވެސް ކިހާދަތިވާނެ؟!“

މިމައްސަލައާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗްގެ އިސްމުވައްޒަފަކާ ގުޅާލުމުން ބުނީ އޭޓީއެމްތައް މައްސަލަޖެހިފައިވަނީ ޓެކްނިކަލް އިޝޫއެއް ދިމާވެގެންކަމަށާ، ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

“ޓެކްނިކަލް އިޝޫއެއް ދިމާވެގެން ހިދުމަތް މެދުކެނޑިފައިވަނީ. އިތުރު މައުލޫމާތު ދޭނީ ހެޑްއޮފީހުން.” އޭނާގެ ވާހަކަ ކުރުކޮށްލަމުން ބުންޏެވެ.

އީވީގެ ފަރާތުން ބީއެމްއެލް ހެޑްއޮފީހާ ގުޅުމުން މިކަމާ ބެހޭ މައުލޫމާތު ލިޔުމުން ދެއްވާނެ ކަމަށް ވިދާޅުވެ އަދި ވަނީ ޖަވާބެއް ނުލިބި އެވެ.

2006 ވަނަ އަހަރުން ފެށިގެން އޭދަފުށީގައި ހިދުމަތް ދެމުން އަންނަ ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗްގެ ހުރިހާ އޭޓީއެމް އެއް މައްސަލަޖެހި ހިދުމަތް މެދުކެނޑުމަކީ މަދުން ނޫނީ ދިމާނުވާ ކަމެކެވެ. އަދި މައްސަލައެއް ދިމާވެ ހިދުމަތް މެދުކެނޑޭ ފަހަރުތަކުގައި އަވަހަށް ހައްލު ކުރަމުން ދާކަން ފާހަގަކުރެވެއެވެ.

ނަމަވެސް މިފަހަރު ދިމާވި މައްސަލައަށް ހައްލު ނުލިބި ގިނަދުވަސް ވަމުން އެބަދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top