ތުޅާދޫ ރައްޔިތުން އެންމެ ބޭނުމީ ރަށުގައި އެއާޕޯޓެއް އެޅުން

big_6CI3nZDaHkaDIohrPn0GFwHRg.jpg

ބ.ތުޅާދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ އެރަށުގައި އެއާޕޯޓެއް އެޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ ކެންޑިޑޭޓުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. ރޭގެ ބައްދަލުވުން ހާއްސަކޮށްފައި އޮތީ ބ.އަތޮޅުގެ ކެންޑިޑޭޓުންނަށެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި ތުޅާދޫގެ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެންޕޭން ޓީމުން ތުޅާދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން ކައުންސިލުން ވަނީ ތުޅާދޫގައި އެއާޕޯޓެއް ރައީސް އަޅައިދެއްވާނެކަމަށް ރިޔާސީ ކެމްޕެއިންގައި ވިދާޅުވުމުން ރައްޔުތުން ތިއްބެވީ ވަރަށް ބޮޑު އުފަލުންކަމަށް ދަންނަވާފައެވެެ. އަދި އެއުންމީދު ހަގީގަތަކަށް ވެގެންދާނެ ކަމަށް ރައްޔިތުން ތިބީ ވަރަށް ބޮޑަށް އުންމީދު ކޮށްގެން ކަމަށްވެސް ދެންނެވިއެވެ.

މިކަމާބެހޭ މައުލޫމާތު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ ތުޅާދޫގައި އެއާޕޯޓް އަޅަން ރަނގަޅު ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށެވެ. އަދި އެއާޕޯޓް އެޅޭނެ ވަކި ތާރީޚެއް ވިދާޅުނުވެ ހަމައެކަނި ވިދާޅުވީ ތުޅާދޫގައި ރަނގަޅު އެއާޕޯޓެއް އިރާދަކުރެއްވިއްޔާ އެޅޭނެ ކަމަށެވެ.

ތުޅާދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިދިޔަ މަހުގެ 29 ވަނަ ދުވަހުވަނީ ހުޅުވާލާފަ އެވެ.

ތުޅާދޫގައި އެއާޕޯޓެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ވެސް ތުޅާދޫ ރައްޔިތުންގެ ތާއީދު ހޯދަން އެމްޑީޕީން އެންމެ ކުރިއަށް ނެރުނީ އެ ވައުދެވެ.

ރައީސް ވަނީ ތުޅާދޫގެ ތަރައްގީއަށް ކޮށްދޭން ނިންމާފައިވާ އެހެން ބައެއް ކަންކަމުގެ ތަފްސީލު ވެސް ދެއްވާފަ އެވެ. އެގޮތުން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާ އެ ރަށުގައި 100 ހައުސިން ޔުނިޓް އެޅުމަށް ނިންމާ 96 ޔުނިޓްގެ ފައުންޑޭޝަން މަސައްކަތް މިހާރު ނިމިފައިވާ ކަަމަށް ވިދާޅުވި އެވެ. އަދި އަހަރު ނިމޭއިރު ހުރިހާ ހައުސިން ޔުނިޓްގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެ އިތުރަށް އެ ރަށުގައި ކޮންޓްރެކްޓް ފައިނޭސް އުސޫލުން ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top