ކަރަންޓީނު ފުރިހަމަކުރުމަށްފަހު ނޫނީ ރިސޯޓް މުވައްޒަފުން މަސައްކަތު ނުނެރެން އެދެފި

1586605096large.jpg

ފޮޓޯ: ޓްރިޕް އެޑްވައިސާ

ރިސޯޓްތަކަށް އެނބުރި މަސައްކަތުދާ މުވައްޒަފުން ކަރަންޓީނު ފުރިހަމަކޮށް، ކޮވިޑް-19 ގެ ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ މަސައްކަތުގެ މާހައުލަށް ނެރެގެން ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރު ރިސޯޓުތަކުގެ މުވައްޒަފުން ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ ކަން ފާހަގަ ކުރައްވައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޒާން ވިދާޅުވީ މިހާރު މި ފެންނަ ގިނަ ކޭސްތަކަކީ، ކުރިން ފަތުރުވެރިންގެ ތެރެއިން ފެނުނު ކޭސްތަކާ ހިލާފަށް މުވައްޒަފުންގެ ތެރެއިން ފެންނަ ކޭސްތަކެއް ކަމަށެވެ. އަދި ގިނަ ރިސޯޓުތަކަކުން އެއްފަހަރާ ނުފެނުނު ކަމުގައި ވީނަމަވެސް އެއް ރިސޯޓުން ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު އިތުރުވެގެންދާ ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޭސްއެއް ފެންނަ ހިސާބުން އެޗްޕީއޭގެ ޓީމުތަކާއި އަދި ރިސޯޓުގެ މެޑިކަލް ޓިމުތަކާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ވަގުތުން ފަށާ ކަމަށެވެ. ހަމައެއާއެކު ކޮންޓެކްޓުންނާއި ޕޮޒިޓިވްވާ މީހުން ކަރަންޓީނުކޮށް، ކޮންޓެކްޓުވާ މީހުން ވެސް ވަގުތުން ޓެސްޓު ކުރާ ކަމަށް ރައްޒާން ވިދާޅުވިއެވެ.

ކޭސްތައް ގިނަވެ އެ ރިސޯޓަކީ އެންމެ ރައްކާތެރިކޮށް ޚިދުމަތް ދެވިދާނެ ތަނެއް ކަމަށް ނުފެންނަ ހާލަތަށް އެ ރަށެއް ގޮސްފިނަމަ އެ ރަށަށް އަރައި ފޭބުން ހުއްޓުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ރަށަކަށް އަލަށް އައުމަށް ބުކިން ހަދާފައިވާ ފަތުރުވެރިން އެހެން ތަންތަނަށް ޑައިވާޓްކުރުން ފަދަ އެތައް އުނދަގޫ ކަމަކާއި ކުރިމަތިލާން ޖެހޭކަން ރައްޒާން ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން އިލްތިމާސް މިކުރަނީ ގައިޑްލައިންތަކުގައި ހުރި ކަންތައް ފޮލޯ ކޮށް، ވަކިން ހާއްސަކޮށް ރާއްޖެއިން ބޭރުންނާއި މާލެ ސަރަހައްދުން ރިސޯޓުތަކަށް އެނބުރި މަސައްކަތަށް ދާ މުވައްޒަފުންގެ ކަރަންޓީނު ކަންތައް އެ އޮންނަ ރަނގަޅު ގޮތުގައި ކުރުމަށް، 10 ދުވަހުގެ މެންޑޭޓަރީ ކަރަންޓީނު އެއްވެސް އިތުރު ފަރާތަކާ ކޮންޓެކްޓު ނުވެ، ފުރިހަމަ ކޮށް ޓެސްޓު ކޮށް ނެގެޓިވް ނަތީޖާ އަކާއެކު ނޫނީ މަސައްކަތުގެ މާހައުލަށް، ނެރެގެން ނުވާނެ” ރައްޒާން ވިދާޅުވިއެވެ.

ގައިޑްލައިންތަކުގައި ހުރި ކަންކަމަށް އަމަލުކުރާނަމަ މުވައްޒަފުންގެ މެދުގައި ބަލި ފެތުރުމަކީ ނާދިރު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top