”ރައްޔިތުން ބޭނުންވިޔަސް އިސްލާމްދީނުގައި އޮންނަ ހުކުމެއް ބަދަލު ނުކުރެވޭނެ“

1b86xFPgbLHWSedYBglxGzJBmjZxzvhWdVPzeUKg.jpeg

ދިވެހި ރައްޔިތުން ބޭނުން ވިޔަސް އިސްލާމްދީނުގައި އޮންނަ ހުކުމެއް ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ ގިނަ ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ރޭ ތަގުރީރު ކުރައްވަމުން އެަނީ ޖެނެރަލް ރިފްއަތު ވިދާޅުވީ، ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށާއި ނަމަވެސް މަރުގެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުންގެ މަޝްވަރާ ހޯދައި، ރައްޔިތުން އެގޮތަށް ބޭނުންވާނަމަ ކަމަށެވެ.

ބަންޑާރަ ނައިބުގެ މި ވާހަކަފުޅާ ގުޅިގެން ގިނަ ދީނީ އިލްމުވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކިތަންމެ ގިނަބަޔަކު އެދުނަސް މާތް ﷲ ގެ ގާނޫނު ބަދަލެއް ނުކުރެވޭނެ ކަން ނޭގުމަކީ ޖާހިލުކަމުގެ އަލާމާތެއް ކަމަށެވެ.

ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒް ބިން ގާސިމް ވިދާޅުވީ، ކީރިތި ގުރުއާނުގެ ހުކުމެއް ބަދަލު ކުރުމުގެ އިޚުތިޔާރެއް އިންސާނުންނަކަށްވެސް ނެތް ކަމަށާއި، އެކަން މާތް ﷲ ކަނޑައަޅުއްވާފައިވާ ކަމަށެވެ. މަރުގެ އަދަބު އުވާލުމަށް މީސްތަކުންގެ ޚިޔާލު ހޯދުމަށް ހުށައަޅައިގެން ނުވާނެ ކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

“ބުއްދި ފަސް މީހުން ނިކުމެ ތިމާގެ ސައިޒު ތިމާމެންނަށް އޮޅި ﷲ އަށް ޗެލެންޖް ކުރަން އުޅުމަކީ ތިމާމެންގެ ޖާހިލު ކަން ނޫން ދެން އެހެން ކޮން އެއްޗެއް ހެއްޔެވެ.؟” އަލީ ރަމީޒު ސުވާލު ކުރެއްވިއެވެ.

ޝެއިޚް އަލީ ޒައިދު ވެސް ވަނީ މަރުގެ އަދަބު ދިނުމުގެ މައްސަލައިގައި ދިވެހި ރައްޔިތުން ތާއީދުކުރާނީ އިސްލާމްދީނުގައި އެކަން އައިސްފައިވާ ގޮތަށް ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

“ގިސާސްގެ ހުކުމަކީ ކީރިތި ގުރުއާނު ގެ ނައްސުން ސާބިތު މުޅި އުންމަތް އިޖުމާއުވެފައިވާ މައްސަލައެއް. އެއީކީ ޚިޔާލު ހޯދަން ޖެހޭނެ ކަމެއް ނޫން! އޭގެ ހުރިހާ ޝަރުތެއް ވާޖިބު ވެއްޖެނަމަ އެހުކުމް ދެމެހެއްޓުމަކީ ވެރިންގެ މައްޗަށް ވާޖިބެއް!” ޝެއިޚް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވިޔަސް މާތްﷲ ކަނޑައަޅުއްވާފައިވާ ހުކުމަކަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.

އިލްމުވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުންވެސް އަންނަނީ އޭޖީގެ ވާހަކައާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top