ޓެކްސް ނޫން ފައިސާވެސް މީރާ އިން ބަލައިގަންނަ ގޮތަށް ގަވާއިދު ބަދަލުކޮށްފި

big_zPR3Kcf8N0WThzlw45bKxjpaH.jpg

ސުޕްރީމް ކޯޓުން ކުރި ހުކުމަކާއި ގުޅިގެން ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓާލާފައި އޮތުމަށް ގާނޫނީ ހައްލެއް ގެނެސް ޓެކްސް އަށް ނުވާ ބައެއް ފައިސާ މީރާ އިން އަލުން ބަލައިގަންނަ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހު ކޮށްފިއެވެ.

މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހު ބުނާ ގޮތުން މިއަދުން ފެށިގެން ޓެކްސް ފިޔަވައި އެހެން ފައިސާ ވެސް ބަލައި ގަންނާނީ މީރާ އަށެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އޮތް ގޮތުން ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާ ހޯދަން މީރާ އަށް ދައުވާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާ އެކު، ޓެކްސް ނޫން ފައިސާ ބަލައިގަތުން މީރާ އިން އޮތީ ހުއްޓާލައިފަ އެވެ.

ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާގެ ތެރެއިން 73 ބާވަތެއް ބަލައިގަންނާނީ މީރާ އިން ކަމަށާއި މީރާގެ އޮފީހެއް ނުހުންނަ ރަށްރަށުގައި މީރާއިން ކަނޑައަޅާ ފަރާތަކަށް އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ކަމަށް މިއަދު މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހުގައި ވެއެވެ. އަދި އެ ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާތައް ވެސް ބަލައިގަންނާނީ މީރާ އިން ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައި، މީރާ އިން ބަލައިގަންނާނެ ފައިސާގެ ތެރޭގައި ކުންފުނި ރަޖިސްޓްރީ ކުރުމާއި ވިޔަފާރި އާއި ގުޅިގެން ދައްކަން ޖެހޭ ފީތަކާއި ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނާއި ދަނޑުވެރިކަމަށް ނުވަތަ ވަރުވާ އަށް ދޫކޮށްފައިވާ ރަށްރަށުގެ ފީއާއި އާއި އުޅަނދުތަކުގެ އަހަރީ ފީ އާއި ގަވާއިދާ ޚިލާފަށް ޕާކްކުރުމުން ކުރާ ޖޫރިމަނާ އާއި ދައުލަތުގެ އިމާރާތްތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ވެސް ހިމެނެ އެވެ. އަދި ބައެއް ގާނޫނުތަކުގެ ދަށުން ކުރެވޭ ޖޫރިމަނާތައް ވެސް ބަލައިގަންނަން ޖެހޭނީ މީރާއިން ކަމަށް އެ އިސްލާހުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު، ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާ ބަލައިގަތުން މީރާ އިން ހުއްޓާލިޔަސް، ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމްތަކެއް ނެތް ކަމަށާއި އެކަން އެގޮތަށް ބާއްވަން ބޭނުން ނުވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top