އަންނަ އަހަރުގެ ދިރާސި އާ އަހަރު ފެށުން އަހަރުގެ މެދުތެރެއިން. އޯލެވެލް އިމްތިހާނު މޭ، ޖޫންގައި – އެޑިއުކޭޝަން

326-baec.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

އަންނަ އަހަރު ، ދިރާސީ އާއަހަރު ފަށާނީ އަހަރުގެ މެދުތެރެއިން ކަމަށާ މިއަހަރުގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ މޭ/ޖޫންގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިިމްތިހާނުތައް 2021 ވަނަ އަހަރު މޭ/ ޖޫންގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިބަދަލާއި އެކު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މިއަހަރު ނޯންނާނެ ކަމަށާއި، ދެން އެ އިމްތިހާންތައްވެސް އޮންނާނީ އަންނަ އަހަރުގެ މޭ/ޖޫން ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދަސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން އަންނަ އަހަރުގެ މޭ/ޖޫން އިމްތިޙާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

މިބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު މިހާރު ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.

އަދި މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top