ތުޅާދޫ ރައްޔިތުން އެންމެ ބޭނުމީ އެއާޕޯޓެއް – ކައުންސިލްގެ ރައީސް

127902_80ca6622-b_.jpg

ތުޅާދޫ ކައުންސިލްގެ ރައީސް، ރައީސް ސޯލިހްއާ މިއަހަރު ކުރީކޮޅު ބައްދަލުކުރައްވަނީ. އެއާޕޯޓްގެ މައްސަލަ ރައީސްއަށް ހުށައަޅުއްވާފައިވާކަމަށް ވިދާޅުވި / ފޮޓޯ: ރައީސް އޮފީސް

ތުޅާދޫ ރައްޔިތުން މިހާރު އިންތިޒާރުކުރަމުން އަންނަ މަޝްރޫއަކީ އެރަށު ފަޅު ހިއްކައިގެން އެއާޕޯޓް އެޅުންކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ތުޅާދޫ ރައްޔިތުންގެ އުއްމީދާއި، އިހްސާސްތަކާއި ގުޅޭގޮތުން އޭދަފުށީ ވޮއިސްއަށް ދެއްވި އިންޓަވިއުއެއްގައި ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ޒަމާނުއްސުރެވެސް ތުޅާދޫ ރައްޔިތުން އެއާޕޯޓެއްގެ ހުވަފެން ދެކެމުން އަންނަކަމަށެވެ. ތުޅާދޫގައި ފެންވަރު ރަނގަޅު ބަނދަރެއް މިދިޔަ ސަރުކާރުން ވަނީ ގާއިމް ކޮށް ނިންމާފައެވެ. އަދި ފެނާ ނަރުދަމާއާއި، ގެދޮރުގެ މަޝްރޫއުތައް އެރަށުގައި މިހާރުވެސް ދަނީ ކުރިއަށެވެ.

“މިރަށުގެ ނަރުދަމާއާ، ފެނާ، ގެދޮރުގެ މަޝްރޫއުތައް މިހާރު ފެށިގެން ކުރިޔަށް އެބަދޭ. އެމަޝްރޫއުތައް މުހިއްމުކަން ކުޑައީއެއް ނޫން. އެހެންނަމަވެސް ވަރަށް ޒަމާންވެއްޖެ އެއާޕޯޓެއް އެޅުމުގެ އުއްމީދުގައި ރައްޔިތުން ތިބޭތާ. އެންމެ ބޭނުންވާ މަޝްރޫއުއަކީ އެއާޕޯޓޭ ދެންނެވޭނީ” ރަޝީދު ވިދާޅުވިއެވެ.

ބ. ތުޅާދޫ

ރަޝީދު ވިދާޅުވީ ތުޅާދޫ ފަޅު ހިއްކައިގެން އެއާޕޯޓެއް ތަރައްޤީކޮށްދެވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި މެދުނުކެނޑި ޓަކިޖަހަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ސީދާ ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް ތުޅާދޫ ކައުންސިލުގެ ވަފުދެއް ފޮނުވުނު ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިސަރުކާރުން އުއްމީދީ ޖަވާބުތަކެއް ލިބެމުން އަންނަކަމަށެވެ.

“ޕްލޭނިންގް މިނިސްޓްރީންވެސް އެދެވޭ ޖަވާބެއް ދެއްވި. އަދި މަޖިލިސް މެމްބަރ ހިސާންއާއެކުވެސް މިމަސައްކަތް އެބަކުރެވޭ. އަދި ސީދާ ރައީސް އަރިހަށް ކައުންސިލްގެ ވަފުދެއް މިއަހަރުގެ ކުރީކޮޅު ފޮނުވިން ހަމަ ސީދާ މިމައްސަލާގައި. ނަތީޖާ މިވަގުތު ދެންނެވުމަށްވުރެ ބޮޑަށް ދަންނަވާ ހިތްވަނީ އުއްމީދުތަކެއް ލިބިފަވާކަމަށް” އެމްޑީޕީ މެމްބަރ އަދި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު